ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާ ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި ތިން މައްސަލައެއް ބެލުމަށް ފަހު އެ ޕާޓީއާ ދެކޮޅަށް ހައިކޯޓުން ނިމިންމައިފި އެވެ.

ހައިކޯޓުން ނިންމި ފުރަތަމަ މައްސަލައަކީ ނ. މިލަދޫ ރަށު ކައުންސިލާ ބެހޭ މައްސަލައެކެވެ. އެއީ މާލޭގައި ތިބެގެން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުން މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ލީ ހަތަރު ކަރުދާސްކޮޅެއް ބާތިލު ކަމަށް އިލެކްޝަނުން ކަނޑެޅި މައްސަލައިގައި މިލަދޫ ކައުންސިލުގެ ދާއިމީ ނަތީޖާ ފަސްކުރުމަށް އެމްޑީން ހުށަހެޅި މައްސަލަ އެވެ. އެ ޝަކުވާ ހއިކޯޓްގައި ބެލުމަށްފަހު އެ ވޯޓް ކަރުދާސްތައް ސައްހަ ކަރުދާސްތަކެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނީ މައްސަލަ ބެލި އިރު ފޮއްޓާ ހަވާލުވެ ތިއްބެވި ބޭފުޅުން ވޯޓް ކަރުދާސްކޮޅުތައް ބާތިލުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ވޯޓްތަކަކީ ސައްކަ ވޯޓްތަކެއް ކަމަށް ޝަރީއަތުން ކަނޑައަޅާނެ ބިނާއެއް ނެތް ކަމަށް އެކޯޓުގެ ފަނޑިޔާރުން އިއްތިފާގުވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ޝަކުވާގެ މައްސަލަތަކުގައި މިއަދު ހައިކޯޓުން ގޮތެއް ނިންމެވި އަނެއް މައްސަލައަކީ ގދ. ފަރެސް މާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން ހޮވަން މާތޮޑާގެ ވޯޓް ފޮއްޓަކަށް ވޯޓުލުމުގައި އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ އަތޮޅު އަތޮޅު ކައުންސިލްގެ ދާއިމީ ނަތީޖާ ފަސް ކުރަން އެމްޑީޕީން ކުރި ދައުވާ އެކެވެ.

މި މައްސަލައިގައި ހައިކޯޓުން ނިންމެވި ގޮތުގެ ހުކުމުގައި ބުނެފައި އެމްޑީޕީން ބުނާ މައްސަލަ ބެލިއިރު އެޕާޓީން ހުށަހަޅާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފަރެސް މާތޮޑާގެ ރަށު ކައުންސިލަށާއި އެ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި ފަރެސް މާތޮޑާގެ ދެ ވޯޓް ފޮށީގެ ނަތީޖާ ބަދަލު ކުރެވޭނެ ހަމައެއް ނެތް ކަމަށެވެ. އެމްޑީޕީން ހައިކޯޓަށް ހުށަހެޅި ތިންވަނަ މައްސަލަ އަކީ ށ. ބިލަތް ފަހީގެ ވޯޓާ ގުޅޭ މައްސަލައެކެވެ. އެއީ ޑީއާރުޕީން ކުރިމަތިލީ ފަސް ކެންޑިޑޭޓަކު އިންތިހާބުތަކާބެހޭ އާންމުން ގާނޫނު ބަޔާންކުރާ ކުށެއް ކޮށްފައިވާތީ ކޮމިޝަނަށް ހުށަހެޅި ޝަކުވާއެއް ބަލައިގަތުމަށް އަމުރިކޮށްދިނުމަށް އެދިފައިވާ ދައުވާއެކެވެ.

އެ ދައުވާގައި ހައިކޯޓުން ބުނީ އެ މައްސަލަ ބެލި އިރު އެ ޝަކުވާ ބަލައިގަތުމަށް އަމުރުކުރަން ޖެހޭފަދަ ސަބަބެއް އޮތް ކަމެއް ނުފެންނަ ކަމަށެވެ.