09 Sep 2015, 09:10
އޭނާއަކީ އެމެރިކާގެ ހުނަރުވެރި ބަތަލެއްގެ އިތުރުން ހުނަރުވެރި ފިލްމު އުފެއްދުންތެރި އެކެވެ. ތައުލީމާއި އަންހެނުންގެ ހައްގުތައް ފަދަ އިންސާނިއްޔަތަށް މުހިއްމު ދާއިރާތަކަށް ހިދުމަތް ކުރުމުގައި ވެސް ނަމޫނާ ދައްކަމުން ވަރުގަދަ ޝަހްޝިއްޔަތެކެވެ.
އދ.ގެ ރެފިއުޖީސް ކޮމިޝަންގެ ސްޕެޝަލް އެންވޯއީގެ މަގާމް އަދާކުރާ އެންޖަލީނާ ޖޯލީ އިއްޔެ ވަނީ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އޭނާ ކުރާ ކެމްޕެއިންގެ ތެރެއިން އެ ސަރަހައްދުތަކުގައި ދިރިއުޅޭ އަންހެން ކުދިންގެ ހިއްތަދި ދިރިއުޅުން އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ލޯޑްސް ކޮމެޓީއާ ހިއްސާކޮށްފަ އެވެ.

ޖޯލީ ސޫރިޔާގެ ރެފިއުޖީ ކުދިންތަކަކާ ބައްދަލުކުރަނީ ---
އެންޖަލީނާ ބުނި ގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކަށް ގޮސް ޖިންސީ އަނިޔާގެ ޝިކާރަތަކުން ސަލާމަތްވެފައި ތިބި ކުދިންނާ އާއިލާތަކާ އޭނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
ޖޯލީ ހިއްސާ ކުރި ވާހަކައިގެ ތެރެއިން ހިތް ހަލާކުކޮށްލި އެއް ވާހަކައަކަށްވީ، ރަހުމުކުޑަކޮށް އެތައް ފަހަރަކު ރޭޕްކޮށްފައިވާ އަދި އެއްވެސް މީހަކާ ވާހަކަދައްކަން ބޭނުންނުވާ ޒުވާން އަންހެން ކުއްޖަކާ އޭނާއާ ދިމާވި ދިމާވުމެވެ.
"އަހަރެން ހަނދާންވޭ ބައްދަލުވި ކުޑަ އަންހެއް ކުއްޖެއްގެ މަތިން. އެކުއްޖާ ވަރަށް ކުޑަ ވާނެ. ގާތްގަނޑަކަށް ހަތް ވަރަކަށް އަށް ވަރަކަށް އަހަރު ވާނީ. އެކުއްޖާ ފާރަށް ބަލަހައްޓައިގެން އިން އިރު، ލޮލުން ކަރުނަ ފައިބާ. އެއީ އެ ކުއްޖާއަކީ އަނިޔާވެރިކޮށް އެތައް ފަހަރަކު ރޭޕްކޮށްފައިވާ ކުއްޖެއް،" ޖޯލީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެކުއްޖާއާ ވާހަކަ ނުދެއްކުނު އިރު އަތް ވެސް ނުލެވުނު ކަމަށާއި އެ ކުއްޖާއަށް ކޮށްދެވޭނެ ކަމެއް ނޭންގި ގޮތް ހުސްވި ކަމަށެވެ.
"ގިނަ އަންހެން ކުދިންތަކަކާއެކު އެއް ކޮޓަރިއަކަށް ލާފައި އިން 13 އަހަރުގެ އިރާގު ކުއްޖަކާ ދާދި ފަހުން ދިމާވި. އެކުއްޖާ އުޅޭ ކޮޓަރިން ފަހަރަކު ދެ ކުއްޖަކު ނެރެ ހަނޑި ކޮޓަރިއަކަށް ވައްދާ އެތައް ފަހަރަކު ރޭޕްކޮށްފައިވޭ،" ޖިންސީ އަނިޔާ ލިބެމުންދާ އިރާގުގެ ކުޑަ ކުއްޖެއްގެ ހަޔާތް ސިފަކޮށްދެމުން އެންޖަލީނާ ބުންޏެވެ.
އޭނާ ބުނާ ގޮތުން، ޖިސްމާނީ އަނިޔާއަށް ވުރެއް ޖިންސީ އަޅުންގެ ގޮތުގައި އެހެން މީހުންނަށް ވިއްކާލުމުން އެ މީހުންނަކީ އެއްވެސް ބޭނުމެއް ނެތް ބައެއްގެ އިހުސާސް އެކުދިންނަށް ކުރެވެ އެވެ.

އެންޖަލީނާ ޖޯލީއާ އޭނާގެ ޓީމުގެ ބައިވެރިން ---
"އެ މީހުން 40 ޑޮލަރަށް 50 ޑޮލަރަށް ރަނގަޅުތައް؟ އެމީހުންގެ އަގަކީ ކޮބާ؟. ޖިންސީ އަޅުންގެ ގޮތުގައި ވިއްކާ ކުދިން ބުނާ ގޮތުން މި އަޑުތަކަކީ ލަދުގަނެ އެމީހުންގެ ގަދަރާއި ކަރާމާތް ގެއްލި އުއްމީދުތަކާ ހިތްވަރު އެލުވާލާ ކަމެއް ކަމަށް. އެކަމުގެ ސަބަބުން އެމީހުންނަކީ ބޭނުންތެރި ބައެއްކަމަށް އަމިއްލަ ނަފްސާ ސުވާލު އުފައްދާ،" ޖޯލީ ބުންޏެވެ.
ކޮމެޓީގައި ވާހަކަދައްކަމުން އެންޖަލީނާ އިތުރަށް ބުނީ، މުޖުތަމައުތައް ހަލާކުކޮށް ބިރުވެރިކަން އުފައްދަން އައިއެސް އިން ރޭޕް ކުރުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.