08 Sep 2015, 23:47
ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއަށް ވުރެ ގިނައިން މިސީޒަންގައި ވެސް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހާނޭކަމަށް ރެއާލްގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
މި ސީޒަންގައި ރޮނާލްޑޯއަށް ވެސް އަދި މެސީއަށް ވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގައި މެސީއަށްވުރެ ގިނައިން ލަނޑު ޖަހައިގެން ސްޕެއިންގައި ދޭ ޕިޗިޗީ އެވޯޑް ހާސިލްކޮށްފައެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ 48 ލަނޑުޖަހައިފައެވެ.
"މިއީ ވަރަށް އެހެންކަހަލަ ކަމެއް މެސީއަށް ވެސް އަދި ރޮނާލްޑޯއަށް ވެސް މިސީޒަންގެ ލަލީގާގައި ލަނޑެއް ކާމިޔާބުކުރެވިފައި ނުވުން،" ރިޕޯޓަރުންނާ ވާހަކަދައްކަމުން އެންޗެލޮޓީ ބުންޏެވެ.
މިސީޒަންގައި ވެސް ރޮނާލްޑޯ ޕިޗިޗީ އެވޯޑް ހާސިލްކުރާނެ ކަމުގެ ޔަގީންކަމާއެކު އެންޗެލޮޓީ ބުނީ " އެހެން ނަމަވެސް ރޮނާލްޑޯގެ ގާބިލުކަމާމެދު އަހަރެން ޝައްކެއް ނުކުރަން. އަހަރެން ވަރަށް ރަނގަޅަށް އޭނަ [ރޮނާލްޑޯ] ދަންނަން." ކަމަށެވެ.
"އަހަރެން ރެއާލްގެ އިންޗާޖަކަށް މިދިޔަ ސީޒަންގައި ހުރިއިރު އޭނާ ވަނީ ހުރިހާ މުބާރާތަކުން 61 ލަނޑު ކާމިޔާބުކޮށްފައި. ރޮނާލްޑޯ އެއީ އާދަޔާހިލާފް ކުޅުންތެރިއެއް،" އެންޗެލޮޓީ ބުންޏެވެ.
އެންޗެލޮޓީ ބުނީ، މެސީއަށް ވެސް މިސީޒަންގައި އަދި މިހާތަނަށް ލަނޑެއް ކާމިޔާބު ނުކުރެވި ދިއުމަކީ ގަބޫލުކުރަން ދަތި ކަމެއްކަމަށެވެ. އެހެން ނަމަވެސް މެސީގެ ގާބިލުކަމާ މެދުވެސް ޝައްކުކުރާން ޖެހޭ ސަބަބެއް ނެތްކަމަށާއި އެއީ މެޗެއްގެ ތެރޭން ފެންނާނޭ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ރެއާލްގެ ކުރީގެ ކޯޗު ސިފަކުރިއެވެ.
"ކްރިސްޓިއާނޯއާއި މެސީއަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރީން. ސްޕެއިންގެ ނަސީބެއް އެ ދެކުޅުންތެރީން އެގައުމުގައި ކުޅުމަކީ،" އެންޗެލޮޓީ ބުންޏެވެ.
މިހާރު އުމުރުން 30 އަހަރުގެ ރޮނާލްޑޯ ވަނީ، ޕިޗިޗީ ޓްރޮފީ ތިންފަހަރު ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ، 2010-11، 2013-14 އަދި މިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްގެން އެ އެވޯޑް ހާސިލްކޮށްފައެވެ. -- ގޯލް.ކޮމް