08 Sep 2015, 23:58
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އަސާސީ ސިއްހީ ޚިދުމަތް ދިނުމަށް ސަރުކާރަށް ލާޒިމް ކުރާ "ސިއްހީ ޚިދުމަތް ދިނުމުގެ ބިލު" ރައީސް އަބްދުﷲ ޔާމީން އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލުގައި ވަނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ޓޫރިސްޓު ރިސޯޓުތަކުގައި ހެލްތު މިނިސްޓްރީން ކަނޑައަޅާ ފެންވަރަކަށް އަސާސީ ސިއްހީ ޚިދުމަތް ދެވޭނެ ނިޒާމެއް، އެ ރަށެއް ނުވަތަ ރިސޯޓެއްގެ ވެރިފަރާތެއް ނުވަތަ ރިސޯޓު ހިންގާ ފަރާތުން ގާއިމުކުރަންވާނެ ކަމަށެވެ.
ބިލުގައި ވަނީ ސަރުކާރުން މާލެ ސިޓީގައި ހިންގާ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލު ހިމެނެނީ ސިއްހީ ޚިދުމަތުގެ ގައުމީ ނިޒާމުގެ އެންމެ މަތީ ފަންތީގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ ގައުމީ ރިފަރަލް ހޮސްޕިޓަލު ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ކޮންމެ ސިޓީއަކާ ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ހުންނަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ވަނީ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ސިއްހީ ޚިދުމަތް ދިނުމުގެ ލައިސަންސް ދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ލައިސަންސް ހަމަވުމުން 180 ދުވަސް ކުރިން ލައިސަންސް އާ ކުރަންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ހާސިލު ކުރަން ބޭނުންވާ މަގުދަސަދުތައް:
- ސިއްހީ ޚިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުން
- ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު ބަޔާންކުރުން
- އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކަކީ ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުން
- އަމިއްލަ ފަރާތްތަކުން ދޭ ސިއްހީ ޚިދުމަތަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި ދެމެހެއްޓެނެވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުން