08 Sep 2015, 23:54
ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާގެ ގުރޫޕް 'ޑީ'ގައި އަމިއްލަ ދަނޑުގައި އީރާން އަތުން 3-0 ގެ ނަތީޖާއަކުން އަވަށްޓެރި އިންޑިއާ ބަލިވެއްޖެ އެވެ.
ބެންގަލޫރުގެ ޝްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އީރާންގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސަރުޑާރް އަޒޫމޫންއެވެ.
ފުރަތަމަ ހާފުގައި އިންޑިއާގެ ގޯލަށް އިތުރު ހަމަލާތައް އީރާނުން އަމާޒު ކުރި ނަމަވެސް ޓައިޓް ޑިފެންސެއްގައި ކުޅެމުން ދިޔަ އިންޑިއާގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވައިފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އިންޑިއާއާ އީރާން ބައްދަލު ކުރި މެޗްގެ ތެރެއިން ލަނޑު ޖެހުމަށްފަހު އީރާންގެ ކުޅުންތެރިން އުފާ ކުރަނީ --- އޭޕީ ފޮޓޯ/ އައިޖާޒް ރާހީ
ނަމަވެސް ދެ ވަނަ ހާފުގައި އިންޑިއާގެ ޑިފެންސަށް ހެނދުނު ފީކަޅާ މިސްޓޭކް ތަކުތަކުގެ ސަބަބުން އީރާނުން ވަނީ އޭގެ ފައިދާ ނަގައި ހަ މިނެޓް ތެރޭގައި ދެ ލަނޑު ޖަހައި މެޗްގައި އިންޑިއާގެ އުންމީދުތައް ނިމުމަކަށް ގެނެސްފައެވެ.
އެގޮތުން އެޓީމްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުފެށިގެން ދެ ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ އަންޑަނިކް ސަމަރާނީއެވެ. އަދި އޭގެ ހަތަރު މިނެޓްފަހު މެޗްގެ 51 ވަނަ މިނެޓްގައި އީރާންގެ ތިން ވަަނަ ލަނޑު ކާމިޔާބު ކުރީ މެހްދީ ތޮރާމީއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އިންޑިއާއާ އީރާން ބައްދަލު ކުރި މެޗްގެ ތެރެއިން ލަނޑު ޖެހުމަށްފަހު އީރާންގެ ކުޅުންތެރިން އުފާ ކުރަނީ --- އޭޕީ ފޮޓޯ/ އައިޖާޒް ރާހީ
މެޗްގެ ގިނަ ވަގުތު ތަކުގައި އިންޑިއާގެ ކީޕަރު ސިންހް ސަންދު ވަނީ އީރާނގެ ގިނަ ހަމަލާތަކެއްވެސް ދިފާއުކޮށްފައެވެ. އަދި އިންޑިއާގެ ޑިފެންޑަރު ސަންދޭޝް ޖިހަންގަން ވެސް ވަނީ އީރާންގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އިންޑިއާއާ އީރާން ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ އައިޖާޒް ރާހީ
އީރާނުން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު މެޗްގެ ފަހު 15 މިނެޓްގައި އިންޑިއާއިން ވަނީ އާ ރޫހެއްގައި ކުޅެފައެވެ. ނަމަވެސް އެވަގުތުގައި ކައިރިކައިރީގައި ކޯނަރުތަކެއް ލިބިގެން ދިޔައިރުވެސް މެޗްގެ ނަތީޖާއަށް ބަދަލެއް ގެނެވޭ ގޮތެއް ނުވިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އިންޑިއާއާ އީރާން ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ އައިޖާޒް ރާހީ
މިމެޗުން އީރާން މޮޅުވުމާއެކު މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިގެން އެޓީމް އޮތީ ފައިދާ ގޯލާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެ ވަނައިގައި އޮތް އޮމާންއާ ތިން ވަނައިގައި އޮތް ގުއާމްއަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ހަތަރު ވަނައިގައި އޮތް ތުރުކްމަނިސްތާނަށް އެއް ޕޮއިންޓް ލިބިފައިވާއިރު ތާވަލްގެ ފުލުގައި އިންޑިއާ އޮތީ އެއް ޕޮއިންޓްވެސް ނުލިބިއެވެ.