ސިޔާސީ ޕާޓީއެއްގެ ހަރަކާތްތެރިކަން ވަޒަން ކުރުމުގައި، އެ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމާއި، އެ ޕާޓީއެއްގެ ފަރާތުން އިންތިޚާބުތަކުގައި ވާދަކޮށް ކާމިޔާބު ކުރުމުގެ ފުރުސަތު އަންހެނުންނަށް އޮންނަ މިންވަރުގެ މައްޗަށް ބަލަން ޖެހޭނެ ކަމުގައި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ޔޫއެންޑީޕީގެ ފަރާތުން ތައްޔާރުކުރި "ވިމެން އިން ޕަބްލިކް ލައިފް އިން ދަ މޯލްޑިވްސް" ރިޕޯޓާއި، "ސްޓްރައިޑްސް" ޑޮކިއުމެންޓްރީ ނެރުމަށް ޓްރޭޑަރސް ހޮޓެލްގައި ރޭ ބޭއްވެވި ހަފްލާގައި ޤައުމީ ހަޔާތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މިހާރުން މިހާރަށް ކުރަން ޖެހޭ ކަންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ރޮނގުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ހަޔާތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ޓަކައި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހަރަކާތްތެރިކަން އިތުރުކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި މިކަމުގައި، ސިޔާސީ ޕާޓީތަކުގެ ދައުރަށް ބައްލަވާލައްވަމުން، ސިޔާސީ ޕާޓީތަކުގެ އިސްސަފުގައާއި ޕާޓީގެ އެތެރެއާއި ބޭރުގެ އިންތިޚާބުތަކުގެ ވާދަކޮށް ކާމިޔާބު ކުރުމުގެ ފުރުސަތު އަންހެނުންނަށް އޮންނަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ޤައުމީ ޙަޔާތުގައި، އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކުރަން ޖެހޭ އިތުރު ކަންކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ޢާންމު ވަޒީފާތަކަށާއި ސިޔާސީ މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި އަންހެނުންނަށް އިސްކަންދޭނެ ޓާގެޓެއް ކަނޑައެޅުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. މިގޮތުން، ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގައި، އަންހެނުންނަށް ވަޒީފާ ދޭނެ ވަކި އަދަދެއް ނުވަތަ ނިސްބަތެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ހާއްސަ ގޮތެއްގައި، އިޤްތިސާދީ އަދި ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ހަރަކާތްތެރިކަމާއި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމީ ޙަޔާތުގައި، އަންހެނުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން، ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގައި، ޖެންޑާ އޮޑިޓެއް ހެދުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

ޖެންޑަ އޮޑިޓަކީ، ބަޖެޓުގައި، އަންހެނުންނާ ގުޅޭ ކަންކަން ހިންގުމަށާއި ބަޖެޓުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ސަބަބުން އަންހެނުންނަށް ކުރާނެ ފައިދާ ނުވަތަ ގެއްލުން ދެނެގަތުމަށް ހިންގޭ ހަރަކާތެކެވެ.
ޔޫއެންޑީޕީއިން ރޭ ނެރުނު "ވިމެން އިން ޕަބްލިކް ލައިފް އޮފް ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގެ ޤައުމީ ޙަޔާތުގައި އަންހެނުންގެ ބައިވެރިވުމާއި، އިސް މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިކަން ހުރި މިންވަރާއި އަންހެނުން ހަރަކާތްތެރިވުމުގައި ހުރި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހުރަސްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެކެވެ.

"ސްޓްރައިޑްސް" ޑޮކިއުމެންޓްރީއަކީ، ޔޫއެންޑީޕީއާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ސްވިސް އެމްބަސީ ގުޅިގެން، ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ ބައިވެރިވުމާއެކު ފުޓްބޯޅަ މެދުވެރިކޮށް އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.