ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާގެ ގުރޫޕް 'އޭ' ގައި މެލޭޝިއާއާ ސައުދީ ޢަރަބިއާ ބައްދަލު ކުރި މެޗްގައި މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މެލޭޝިއާގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިން އެ މެޗް ސަސްޕެންޑްކޮށްފި އެވެ.

މެލޭޝިއާގެ ޝާހް އަލަމް ސްޓޭޑިއަމްގައި ކުޅެމުން ދިޔަ މެޗް ހުއްޓާލިރު ސައުދީ ވަނީ 2-1 ނަތީޖާއަކުން މޮޅުވެފައެވެ.

މެލޭޝިއާގެ ލޯކަލް މީޑިއާތަކުން ބުނެފައިވަނީ މެޗްގެ 87 ވަނަ މިނެޓްގައި މެޗް ހުއްޓާލީ މެލޭޝިއާގެ ސަޕޯޓަރުން ދަނޑަށް އަލިފާން ބޯޅައާއި ފްލެއާސް (އަލި ނަރު) ފަދަ ތަކެތި ދަނޑު މައްޗަށް އުކުމުންނެވެ.

އަދި ދަނޑުގައި އަލިފާނުގެ ސަބަބުން ދުން ބޯވުމުން ދެޓީމްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ.

ސަޕޯޓަރުންގެހަމަނުޖެހުންތަކާ ގުޅިގެން ހުއްޓާލި ސައުދީ އަރަބިއާއި މެލޭޝިއާގެ މެޗްގެ ތެރެއިން --- ފޮޓޯ ރޮއިޓަސް

ބެލެވޭ ގޮތުގައި މެލޭޝިއާގެ ސަޕޯޓަރުން ރުޅި އައީ މެޗްގެ ބޮޑުބައެއް ނިމިފައި ވަނިކޮށް މެލޭޝިއާއިން ލީޑް ނެގިނަމަވެސް އެޓީމަށް އެލީޑްގައި ނުހިފެހެއްޓުމުންނެވެ.

އެގޮތުން މެޗްގެ 70 ވަނަ މިނެޓްގައި މެލޭޝިއާގެ މުޙައްމަދު ސާފިޤް ރަހީމް ލަނޑު ޖެހިއިރު އޭގެ ތިން މިނެޓް ފަހުން ސައުދީގެ ތައިސިރު އަލް ޖާސިމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އަދި 76 ވަނަ މެޗްގައި މުޙައްމަދު އަލް ޝަހްލަވީ ވަނީ ސައުދީއަށް ލީޑް ނަގައިދީފައެވެ.

މީގެ އިތުރުން މެލޭޝިއާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކުވެރި ޢަރަބި އިމާރާތާ ދެކޮޅަށް ކުޅުނު މެޗްވެސް 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

އެމެޗަށް ފަހު މެލޭޝިއާގެ ކޯޗް ދޮލާހް ސެލާހް ވަނީ އިސްތިއުފާ ދީފައެވެ. މެލޭޝިއާގެ އެފްއޭއިން ވަނީ އެޓީމްގެ ކޯޗްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން މެލޭޝިއާގެ ގައުމީ ޓީމަށް ކުރި ކުޅެފައިވާ އޮންގް ކިމް ސްވީއާ ހަވާލުކޮށްފައެވެ.