08 Sep 2015, 22:47
މެދު އިރުމައްޗާއި އެފްރިކާ އަދި އޭޝިއާއިން އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް ހިޖުރަކުރަމުންދާ ރެފިއުޖީންނަށް ޖަރުމަނުން ހުޅުވާލާފައިވާ ދޮރުތައް ބަންދުކުރުމަށް ހަންގޭރީގެ ބޮޑުވަޒީރު އެގައުމަށް ގޮވާލައްވައިފި އެވެ.
އޮސްޓްރިއަން ޓީވީއަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯ އޯބަން ވިދާޅުވީ، ރެފިއުޖީންނަށް ޖަރަމުން ހުޅުވާލާފައިވާ "އޯޕަން ޑޯ" ޕޮލިސީ ކުރިއަށްގެންދާނަމަ އެތައް މިލިއަން ރެފިއުޖީންނެއް ޔޫރަޕަށް އަދިވެސް އަންނަމުންދާނެ ކަމަށެވެ.
އޭނާ ވިދާޅުވާގޮތުން، ތުރުކީ އާއި ގްރީސް އަދި މެސަޑޯނިއާ އާއި ސާބިއާ އިން ޔޫރަޕިއަން ޔޫނިއަންއަށް ހިޖުރަކުރަމުންދާ މީހުންނަކީ ނުރައްކަލުގެ ސަބަބުން ހިޖުރަކުރާ މީހުންނެއް ނޫނެވެ. އަދި އެއީ ޖަރުމަނުގެ ދިރިއުޅުމަށްއެދި އެކަމަށް ޝައުގުވެރިވެގެން ހިޖުރަކުރާ ބައެއް ކަމަށް ވެސް އޯބަން ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން، ރެފިއުޖީންގެ މައްސަލާގައި މާލީ ގޮތުން ތަހައްމަލު ނުކުރެވޭވަރުގެ ދަތި އުދަނގޫތަކަކަކާ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ޔޫރަޕުގެ ގައުމުތަކުގެ ބޭރުގެ ބޯޑަރުތައް ހިމާޔަތް ނުކުރެވޭނަމަ، އެގައުމުތަކަށް ވަންނަމުންދާ މީހުންނަށް ވެދާނެ ގޮތަކާމެދު މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތް،" އޯބަން ވިދާޅުވި އެވެ.
ހަންގޭރީގެ ބޮޑު ވަޒީރު އެގޮތަށް ވިދާޅުވެފައިވާއިރު، ހަންގޭރީން ވަނީ ރެފިއުޖީންނާއި ހިޖުރަކުރާމީހުން އެގައުމަށް ވަނުމަށް ބޭނުންކުރާ ސާބިއާ ގުޅޭ ބޯޑަރު ބަންދުކުރުމުގެ މަސައްކަތް ފަށާފައެވެ. ހަންގޭރީން ބުނާގޮތުން، އެ ފިޔަވަޅަކީ ޔޫރަޕް ހިމާޔަތްކުރުމަށް އެގައުމުން ކުރާ ކަމެކެވެ.
ޔޫރަޕުގައި އޮތް އެންމެ ބޮޑު އިގްތިސާދު އޮތް ޖަރުމަނުން މިއަހަރުގެ ތެރޭގައި އެގައުމަށް އަށް ލައްކަ ރެފިއުޖީން އަންނާނެ ކަމަށް ލަފާކުރާއިރު، މިދިޔަ ހަފްތާ ބަންދުގައި އެކަނިވެސް ހަންގޭރީން ޖަރުމަނަށް 20،000 މީހުން އެތެރެވެފައިވެ އެވެ.
މީގެ އިތުރުން ޔޫރަޕުގެ އެންމެ ތަނަވަސް ގައުމުގެ ގޮތުގައި ފާހަގަވެފައި އޮންނަ ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވަނީ އެގައުމަށް އަންނަމުންދާ އެތައް ހާސް ރެފިއުޖީންނަކަށް އެހީވުމަށް ޖަރުމަނުން ހަ ބިލިއަން ޔޫރޯ ހަރަދުކުރުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.
މައުލޫމާތު: ރޮއިޓާސް، ސްކައި ނިއުސް