މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ގެންދާނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ވައިސް މިނިސްޓަރު އޮފް ކޮމާސް، ގާއު ޔެން، މިއަދު ރައީސް ޔާމީނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އެގޮތުން ބްރިޖްގެ މަޝްރޫއަކީ ހާއްސަކޮށް ޒުވާނުންގެ ހުވަފެންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ އެހީއާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ބިނާކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ މުޅި ދިވެހި ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން، ސަރުކާރުގެ އިގްތިސާދީ އަދި އިޖްތިމާއީ ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ބަހައްޓާ ޝައުގުވެރިކަންވެސް އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި އެޤައުމުގެ ވިޔަފާރިވެރިން ރާއްޖޭގައި އިތުރު ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާކަމުގައި ރައީސް ޔާމީނު ވިދާޅުވި އެވެ.

ރައީސް ޔާމީނު ވިދާޅުވީ، ރާއްޖެއަކީ ހުރިހާ ގައުމެއްގެ ވެސް ރަހުމަތްތެރިއެއް ކަމަށާއި، ރާއްޖޭގެ ސިޔާދަތަށް އިހްތިރާމްކުރާ ކޮންމެ ގައުމަކާއެކުވެސް ހަރުދަނާ ގުޅުންތަކެއް ގާއިމްކޮށް، އެ ގުޅުންތައް ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭނެ ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ވައިސް މިނިސްޓާ އޮފް ކޮމަރސް، ގާއު ޔެން ދެއްކެވި ވާހަކަފުޅުގައި، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަޝްރޫއަށް ދިވެހި ސަރުކާރެކޭ އެއްފަދައިން ރާއްޖޭގެ ރައްޔިތުން ދޭ މުހިންމުކަން އެކަމަނާއަށް ވަރަށް ރަނގަޅަށް ވަޒަންކުރެއްވިއްޖެ ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު އެ މަޝްރޫއު ކާމިޔާބު ކުރުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ޗައިނާގެ ވައިސް މިނިސްޓަރު އޮފް ކޮމާސް ދެއްވެވި އެވެ. އަދި ކުރިއަށް އޮތްތާނގައި، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަޝްރޫއު ފަދަ އިތުރު މަޝްރޫއުތަކެއްގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ރާއްޖޭގެ ތާރީޚުގައި ބިނާކުރާ މިފަދަ ފުރަތަމަ ބްރިޖްކަން ފާހަގަ ކުރައްވަމުން، އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ޗައިނާގެ ވައިސް މިނިސްޓަރު އޮފް ކޮމާސް މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން، ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ޗައިނާގެ ވައިސް މިނިސްޓަރު އޮފް ކޮމާސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި، އެ މަޝްރޫއު ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް މުހިންމުކަމުގައި ވިދާޅުވެ، ރާއްޖެއިން މިހާރުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށް އެކަމަނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.