08 Sep 2015, 19:49
މޫނު ނިވާކޮށްގެން، ހަތިޔާރުހިފައިގެން ތިބި ގްރޫޕަކުން އިރާގުގެ މިހާރުގެ ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރު ވަގަށް ނަގައިފި ކަމަށް އެގައުމުގެ ސެކިއުރިޓީ އޮފިޝަލުން ބުނެފި އެވެ.
އަލްޖަޒީރާއިން ބުނިގޮތުގައި، ކޮންބައެއް ކަން ނޭނގޭ މޫނު ނިވާކޮށްގެން ހަތިޔާރު ހިފައިގެން ތިބި ބަޔަކު ޑެޕިއުޓީ ޖަސްޓިން މިނިސްޓަރު އަބްދުލް ކަރީމް އަލް ފާރިސް ވަގަށް ނަގާފައިވަނީ ވެރިރަށް ބަގްދާދުގައި އޭނާ ދަތުރުކުރަމުންދިޔަ ކާރުކޮޅު ހުއްޓުވުމަށްފަހު ކަމަށެވެ.
އަބްދުލް ކަރީމް އަލް ފާރިސް އާއެކު އޭނާގެ ހަށިފާރަވެރިންނާއި ކާރުގެ ޑްރައިވަރު ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
އިރާގުގެ ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރު ވަގަށް ގެންގޮސްފައިމިވަނީ، ބަގްދާދުގައި މީހުން ވަގަށް ނެގުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން މިދިޔަ ހަފްތާތެރޭގައި ހަތިޔާރުއެޅި ގްރޫޕަކުން ބަގްދާދުގެ އިރުއުތުރުގައި ހަދަމުންދާ ކުޅިވަރު ސްޓޭޑިއަމެއްގައި މަސައްކަތްކުރަމުންދިޔަ ތުރުކީގެ 18 މީހަކު ވަގަށް ގެންގޮސްފައިވާއިރު، އަދަމަޔާއިން މީގެ ކުރިން ސުންނީ ދެ ޝެއިހުން ވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ބަގްދާދުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ މައުލޫމާތުދެ އެވެ.