އިންޑިއަން އެކްޝަން ތްރިލާ ފިލްމު، "ފޯސް" ގެ ދެވަނަ ފިލުމުގެ ޝޫޓިންއަށް ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

"ފޯސް"ގެ ފުރަތަމަ ފިލްމުގައި ޖޯންއާއެކު ސޮނާކްޝީ ސިންހާ ފެނިގެން ދާނީ ރިސާޗް އެންޑް އެނަލިސިސް ވިންގު (ރޯ)ގެ އެޖެންޓެއްގެ ގޮތުގަ އެވެ.

ނިޝިކަންތު ކަމަތު ޑައިރެކްޓްކޮށް 2011 ވަނަ އަހަރު ބޮލީވުޑްގައި ގުގުމާލި ފިލްމު "ފޯސް"ގެ ދެވަނަ ފިލުމް ޑައިރެކްޓް ކުރާނީ އިންޑިއަން ބްލެކް ކޮމެޑީ ފިލްމު، "ދެއްލީ ބެލީ"އިން އާއްމުންގެ މަޝްހޫރުކަން ހޯދި ޑައިރެކްޓަރު އަބިނޭ ޑިއޯއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން، ފިލްމު "ފޯސް 2" ބޮޑު ސްކްރީނަށް އައުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ފޯސްގެ ދެ ވަނަ ފިލްމެއްގެ ޝޫޓިންއަށް ޖޯން ބުޑަޕެސްޓުގައި ހަރަކާތްތެރިވާއިރު، އޭނާގެ އެންމެ ފަހުގެ ފިލްމު، "ވެލްކަމް ބެކް" ދަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު ސްކްރީންތަކުގައި އެޅުވި ކޮމެޑީ ފިލްމު، "ވެލްކަމް ބެކް" ވަނީ މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ތިން ވަނަ ފިލްމުގެ މަގާމް ހޯދާފަ އެވެ.