17 Mar 2011, 15:28
ތަރައްޤީ އަބަދު ވެސް މިނަން ޖެހޭނީ، އިންސާނީ ވަސީލަތްތައް ތަރައްޤީވާ މިންވަރެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޅ. އަތޮޅު މަދަރުސާގެ ރިހިޔޫބީލް ފާހަގަކުރެއްވުމަށްޓަކައި އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ކުރެންދޫގެ ތަރައްޤީގެ ނާރެހަކީ، ޅ. އަތޮޅު މަދަރުސާކަން ފާހަގަކުރައްވަމުން، ކުރެންދޫ މިހާރަށް ވުރެ ބާރަށް ކުރިއަރުވައި، ކުރެންދޫގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް ނުވަތަ އިތުރު ތަނަވަސްކަމެއް ހޯދައިދިނުމަށް އެދެނީ ނަމަ މަސައްކަތް ކުރަން ޖެހޭނީ އެ މަދަރުސާ ރަނގަޅު ކުރުމަށް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރާއި، ރަށު ކައުންސިލާއި، ޤައުމީ އިދާރާއާއި، ސްކޫލް ބޯޑާއި، މަދަރުސާގެ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ރަށުގެ ރައްޔިތުންގެ މަސައްކަތަކަށްވާންވީ ދަރިވަރުން އިމްތިޙާނުން ހޯދާ ނަތީޖާ ރަނގަޅުކޮށް، ސްކޫލް ރަނގަޅު ކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އަޅުގަނޑުމެންގެ މަސައްކަތުގެ އަމާޒު އަބަދުވެސް އޮންނަން ޖެހޭނީ މަދަރުސާއާ ދިމާއަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
މިދުވަސްވަރަކީ، ރާއްޖޭގެ ރަށްވެހި ތަރައްޤީގައި މުހިންމު ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން، ރަށު ކައުންސިލްތައް މިހާރު އިންތިޚާބު ކުރެވިފައިވުމާއެކު، މިހާރު ކައުންސިލަށާއި، ރަށުގެ އެހެން މުއައްސަސާތަކަށް، މި މަދަރުސާ ބޭނުންކޮށްގެން ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުކޮށް، ކައުންސިލް މެދުވެރިކޮށް، ރަށުގެ ކަންކަން ރައްޔިތުންނާ ގާތުން ހިންގުމުގެ އުޞޫލެއް ޤާއިމް ކުރެއްވީ، އެކަމަކީ، ޤައުމީ ތަރައްޤީއަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމުގައި ރައީސް ވިދާޅުވި އެވެ. މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މުދަލަކީ، ރާއްޖޭގެ ޚަޒާނާގައި ރެޖިސްޓްރީ ކުރެވިފައިވާ މުދާ ކަމަށާއި، ސަރުކާރުގެ ބޭނުމަކީ، ވަކި ހަމަތަކެއްގެ ތެރެއިން، އެކަމަކަށް އެ ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަވައިގެން ކޮންމެ ރަށުކައުންސިލަކަށް ބޭނުންވާ ހުރިހާ އެއްޗެއް އެ ރަށެއްގެ ކައުންސިލަށް ބަދަލުކުރަމުން ގެންދެވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުން ގެންދަވާ ތަރުތީބުގެ ތެރެއިން، ކަމާބެހޭ ހިސާބުތައް ބެލެހެއްޓި، ޤާނޫނީ ހަމަ ހިފެހެއްޓިގެން އެތަކެތި ބަދަލުވާން ޖެހޭ ކައުންސިލަކަށް އެތަކެތި ބަދަލުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޅ. އަތޮޅު މަދަރުސާ އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އިތުރު ކްލާސްރޫމްތައް ބިނާކޮށް ނިމި، އަންނަ އަހަރުގެ މެދާ ހިސާބުން ފެށިގެން އެ މަދަރުސާ، އެއްދަންފަޅިއަށް ބަދަލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރަނީ، ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު އިތުރުކޮށް، ނަތީޖާ ރަނގަޅު ކުރުމަށް ކަމަށާއި، ސްކޫލް އެއް ދަންފަޅިއަށް ބަދަލުވުމުން، ރަށުގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ޅ. އަތޮޅު މަދަރުސާގެ ރިހިޔޫބީލް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ ސައެންސް ލެބޯރެޓަރީ ހުޅުއްވައިދެއްވައި، އެ ސްކޫލްގެ ރިހިޔޫބީލްގެ ހަނދާނީ ބިނާ އިފްތިތާޙް ކޮށްދެއްވި އެވެ.