08 Sep 2015, 19:08
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އެމަނިކުފާނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ، އަމާލް ކްލޫނީ ރައީސް ނަޝީދާ ބައްދަލުކުރެއްވީ މިއަދު މެންދުރު ފަހު 3:15 އިން ހަވީރު 5:15 އަށް މާފުށީ ޖަލުގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފާއި ހިސާން ހުސައިން ވެސް ބައިވެރިވެވަޑައިގަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ޖެންސާ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ނަޝީދުގެ އޮފީހުން ބުނެފައި ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ޓަކައި ހުރިހާ ޑިޕްލޮމެޓިކް އަދި ލީގަލް ގޮތްތަކެއް އެ އޮފީހުން ހޯދާނެ ކަމަށެވެ.
ސަރުކާރުން ވެސް ވަނީ ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމާ ބައްދަލުކުރުމަށް ނިންމައިފަ އެވެ. އެގޮތުން ސަރުކާރުން އެ ޓީމާ ބައްދަލުކުރައްވާނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގަ އެވެ.