08 Sep 2015, 21:09
ބޮގޮޓޯ، ކޮލަމްބިއާ - މެކްސިކޯއާއި ކޮލަމްބިއާގެ ފުލުހުން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ދެ މެޓްރިކް ޓަނުގެ ކޮކެއިން އަތުލައިގަނެފި އެވެ.
ކޮލަމްބިއާގެ އެންޓި ނާކޮޓިކްސް ޔުނިޓުން ބުނިގޮތުގައި، އިއްޔެ އަތުލައިގަތް ދެ ޓަނުގެ ތެރެއިން 1.07 ޓަނުގެ ކޮކެއިން އަތުލައިގަނެފައިވަނީ އެ ގައުމުގެ ވެރިރަށް ބޮގޮޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މެކްސިކޯގެ ސްޓޭޓެއް ކަމަށްވާ ސިނަލޮއާގެ ކުންފުންޏަކަށް ފޮނުވަން މަސައްކަތްކުރި އެ އެއްޗެހި ހުރިކަން ޝައްކުވީ، މަސްތުވާތަކެތި ހޯދުމަށް ތަމްރީންދީފައިވާ ކުއްތާއަކަށެވެ.
"ފޮޓޯ ކޮޕީ ޓޯނަރަށާއި ޕްރިންޓަރު ކާޓްރިޖަށް އަޅަން ބޭނުންކުރާ ކަޅު ކުލައިގެ ކެމިކަލް ޕައުޑަރުތަކެއް އަޅާފައިހުރި 48 ފޮށި ވަނީ ފެނިފައި. ލެބޯޓަރީ ޓެސްޓުތަކުން އޭގައި ކޮކެއިން ހުރިކަން ވަނީ ކަށަވަރުވެފަ،" ކޮލަމްބިއާގެ އެންޓި ނާކޮޓިކްސް ޔުނިޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކޮލަމްބިއާގެ ފުލުހުން ބުނާގޮތުން، އަތުލައިގަތް ތަކެއްޗަކީ ކޮކެއިން ކަމަށް ކަށަވަރު ވުމުން އެކަން މެކްސިކޯގެ ކަމާބެހޭ އިދާރާތަކަށް އެންގި އެވެ. އަދި ގަޑިއިރުތަކެއް ކުރިން ބޮގޮޓޯ އިން މެކްސިކޯއަށް ފުރި އެއާ ޝިޕްމަންޓަކުން 961 ކިލޯގްރާމްގެ ކޮކެއިން އަތުލާފައިވާ ކަމަށް މެކްސިކޯގެ ފުލުހުން ބުނެއެވެ.
ނަމަވެސް އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ކޮކެއިން އަރުވާފައިވަނީ ކޮން އެއާލައިން އެއްގެ މަތިންދާބޯޓަކަށް ކަމެއް ކޮލަމްބިއާގެ ފުލުހުން ބުނެފައެއް ނުވެއެވެ.
ކޮލަމްބިއާގެ ފުލުހުން މިހާރު ދަނީ ޓޯނަރު ޕައުޑަރުން ކޮކެއިން އަލްކޮލައިޑް ވަކިކުރުމުގެ މަސައްކަތްކުރަމުންނެވެ.
މަސްތުވާތަކެތި އުފެއްދުމަށާއި އެތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކޮލަމްބިއާގައި އަހަރަކު 300 ޓަނުގެ ކޮކެއިން އުފައްދާއިރު، އެމެރިކާއަށް އެންމެ ގިނަ އަދަދެއްގެ ކޮކެއިން ސަޕްލައި ކޮށްދެނީ ވެސް ކޮލަމްބިއާ އިންނެވެ.
ކޮލަމްބިއާގެ އޮތޯރިޓީތަކުން ބުނާގޮތުން، މިއަހަރުގެ މިހާތަނަށް 115 ޓަނުގެ ކޮކެއިން ވަނީ އަތުލައިގަނެފައެވެ.
މައުލޫމާތު: ރޮއެޓާސް، އޭޕީ