Last Updated:
1 decade 3 month ago

ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ އަތުން 3-0 އިން ރާއްޖެ ބަލިވެއްޖެ

    ބުލޮގު ޚުލާސާ

    ވޯލްޑްކަޕް 2018އަށް ކޮލިފައި ވުމަށްޓަކައި ރާއްޖެއާއި ޗައިނާ، ޗައިނާގެ ޝެންޔަން އޮލިމްޕިކް ސްޕޯޓްސް ސެންޓަރ ސްޓޭޑިއަމްގައި މިހާރު ކުޅެމުންދާ މެޗުގެ ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ޗައިނާ ކުރިހޯދައިފި އެވެ.

    މެޗްގެ އަށް ވަނަ މިނެޓްގައި ޗައިނާއިން އުފެއްދި ހަމަލާއެއްގައި އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ޔޫ ޑާބާއޯއެވެ.

    ލަނޑަށްފަހު ރާއްޖެއިން ވަނީ ބައެއް ހަމަލާތައް އުފަންދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ރާއްޖެއަށް ޗައިނާކޮޅަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

    ފުރަތަމަ ހާފުގައި ޗައިނާއިން ރާއްޖެއާ ދެކޮޅަށް ނުވަ ޝޮޓް ފޮނުވާލިއިރު ރާއްޖެއަށް ފޮނުވާލެވުނީ އެންމެ ޝޮޓެކެވެ. ޗައިނާއިން ފޮނުވާލި ޝޮޓްތަކުގެ ތެރެއިން ހަރަތު ޝޮޓެއްވަނީ ގޯލާ އަމާޒުވެފައެވެ.

    ނުރައްކާތެރި ހަމަލާގެ ގޮތުގައި ޗައިނާއިން ވަނީ 39 ހަމަލާއެއް އުފައްދާފައެވެ. ރާއްޖެއަށް އުފެއްދުނީ 13 ހަމާލާއެވެ.

    ޗައިނާއަށް ތިން ކޯނަރު ލިބުނުއިރު ރާއްޖެއަށް ލިބުނީ ދެކޯނަރެވެ. ރާއްޖެއަށް ނުވަ ހިލޭ ޖެހުން ލިބިފައިވާއިރު ޗައިނާއަށް ލިބުނި ހަ ހިލޭ ޖެހުމެވެ.

    މެޗްގައި ރާއްޖެއަށް ވަނީ ދެ ރީނދޫ ކާޑު ދައްކާފައެވެ. އެއީ 27 ވަނަ މިނެޓްގައި މުޙައްމަދު ޢަރިފް (ބަކާ) އަށާއި 31 ވަނަ މިނެޓްގައި ހަމްޒަތު މުޙައްމަދު (ހަމްޒާ) އެވެ.

    ޗައިނާއާ ދިވެހިރާއްޖެ މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގައި 2001 ވަނަ އަހަރު އޭޕްރީލް މަހު 22 ވަނަ ދުވަހު ވަނީ ކުޅެފައެވެ. ޗައިނާގައި ކުޅުނު އެ މެޗުން ބަލިވީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންވެ.

    އޭގެ ފަސް ދުވަސް ފަހުން އޭޕްރީލް 28 ވަނަ ދުވަހު ރާއްޖޭގައި ކުޅުނު މެޗުގައި ޗައިނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

    18:27

    މެޗު ނިމިއްޖެ

    ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން 3-0ގެ ނަތީޖައަކުން ރާއްޖެ ބަލިވެއްޖެއެވެ.

    ޗައިނާގެ ޝެންޔަން އޮލިމްޕިކް ސްޕޯޓްސް ސެންޓަރ ސްޓޭޑިއަމްގައި ޗައިނާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޔޫ ޑަބާއޯއެވެ.

    ފުރަތަމަ ލަނޑު ޔޫ ޑަބާއޯ ކާމިޔާބުކުރީ މެޗްގެ އަށް ވަނަ މިނެޓްގައެވެ.

    މިލަނޑަށްފަހު ރާއްޖެއިން ވަނީ ބައެއް ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ.

    ޗައިނާގެ ދެ ވަނަ ލަނޑު ޔޫ ޑަބާއޯ ކާމިޔާބު ކުރީ މެޗްގެ 57 ވަނަ މިނެޓްގައެވެ.

    ދެ ވަނަ ހާފުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ޗައިނާގެ ގޯލަށް ނުރައްކާކޮށްފައެވެ.

    އެގޮތުން ޗައިނާ ހާފްގެ މެދެއްހާ ހިސާބުން އަޙްމަދު ނާޝިދު (ނާއްޓޭ) އަށް ލިބުނު ބޯޅަހިފައިގެން ޗައިނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

    އަދި ރާއްޖޭގެ ހަމްޒަތު މުހައްމަދު (ހަމްޕު) އަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެންގޮސްފައެވެ.

    މެޗްގައި ޗައިނާގެ ތިން ވަނަ ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޒެހެންގް އެލްޕީއެވެ.

    މެޗްގައި ޗައިނާއިން ގިނަ ހަމަލާތައް ރާއްޖޭގެ ގޯލަށް ފޮނުވާލިރު ގޯލްކީޕަރު މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން) ވަނީ ނުރައްކާތެރި ބައެއް ހަމަލާތައް ދިފާއުކޮށްފައެވެ.

    ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗްގައި ބައްދަލު ކުރާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ބޫޓާންއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ ބޫޓާންގައެވެ.

    18:26

    '92: ޗައިނާ ޓީމުގެ ކެޕްޓަން ރާއްޖޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ރާއްޖޭ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓިގަތުމުން އޭނާ ޑައިވްކުރި ކަމަށް ބަލާފައި ރެފްރީ ރީނދޫ ކާޑެއް ދައްކައިފި.

    18:24

    އިތުރުވަގުތު

    '91: މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 4 މިނެޓް ދައްކައިފި.

    18:24

    '90: ޗައިނާ ޓީމުން ނުރައްކާތެރި ހަމަލާއެއް. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ފޮނުވާލި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް.

    18:20

    ރާއްޖޭ ޓީމަށް ހިލޭޖެހުމެއް

    '88: ޗައިނާ ޓީމުން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް އެޓީމު ކުޅުންތެރިން ރާއްޖޭ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާއުކުރީ.

    18:18

    ރާއްޖޭ ޓީމުން ބަދަލެއް

    '80: ރާއްޖޭ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ނުކުތް އަހްމަދު އާރިފް (ބަކާ) ގެ ބަދަލުގައި އިސްމާއީލް އީސާ (މެސީ) ކުޅެން އަރައިފި.

    18:03

    ނުރައްކާތެރި ހަމަލާއެއް

    '71: ޗައިނާ ކެޕްޓަން ޒެން ޒީ ފޮނުވާލި ނުރައްކާތެރި ހަމަލާ ރާއްޖޭގ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    18:02

    ޗައިނާ ޓީމުން ބަދަލެއް

    '69: ޗައިނާއަށް ތިންވަނަ ލަނޑު ޖަހައިދިން ޒަން އެލްޕީގެ ބަދަލުގައި ޒަން ޗެންޑަން ކުޅެން އަރުވައިފި.

    17:59

    ޗައިނާ ޓީމުން ތިން ވަނަ ލަނޑު ޖަހައިފި

    '67: ޗައިނާއިން އަނެއްކާވެސް ލަނޑެއް ޖަހައިފި. ޗައިނާއަށް ތިންވަނަ ލަނޑު ޖަހައި ދިނީ އެޓީމުގެ ޒަންގް އެލްޕީ.

    17:55

    ރާއްޖެއަށް ހިލޭ ޖެހުމެއް

    '62: ޗައިނާގެ ޕެނަލްޓީ އޭރިޔާ ބޭރުން އަހްމަދު އިމާޒު (އާއްކޮ) ފޮނުވާލި ހިލޭ ޖެހުން ގޯލް ދަނޑިމަތިން ބޭރަށް.

    17:55

    '61: ޗައިނާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަހިފައިގެން ވަންނަން އުޅެނިކޮށް ހަމްޒާއަށް ޗައިނާ ކުޅުންތެރީން ފައުލު ކޮށްފި. ޗައިނާގެ ކުޅުންތެރިޔާއަށް ރީދޫ ކާޑެއް.

    17:53

    ރާއްޖޭގެ ހަމަލާއެއް

    '58: ރާއްޖޭ ޓީމުގެ ހަމްޒަތު މުހައްމަދު ޗައިނާ ހާފުގެ މެތު ތެރޭން އެޓީމުގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގޯލް ދަނޑިކައިރިން ބޭރަށް.

    17:50

    ޗައިނާ ޓީމުން ދެވަނަ ލަނޑު ޖަހައިފި

    '57: ޗައިނާ ޓީމުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފުރަތަމަ ލަނޑު ޖަހައިދިން ޔޫ ޑަބާއޯ.

    17:49

    ރާއްޖޭ ޓީމުގެ ހަމަލާއެއް

    '55: ޗައިނާ ހާފްގެ މެދެއްހާ ހިސާބުން އަހްމަދު ނާޝިދު (ނާއްޓޭ) އަށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް ޗައިނާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލް ދަނޑީގެ އަރިމަތިން ބޭރަށް.

    17:47

    ރާއްޖޭ ޓީމުން ބަދަލެއް

    '53: ރާއްޖޭ ޓީމުން އަކުރަމް އަބްދުލް ޣަނީގެ ބަދަލުގައި މޫސާ ޔާމީން ކުޅެން އަރުވައިފި.