17 Mar 2011, 15:06
ދެކުނުގެ ހަތަރު އަތޮޅެއްގައި 1500 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސް ވުމެއްގައި ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމަންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ސީއެމްއީސީ އާ ހަވާލުކޮށްފައިވާ ހައުސިން މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި ސީއެމްއީސީގެ ވައިސް ޕްރެޒިޑެންޓް ލީ ޗައޮޔަންގް އެވެ.
ފްލެޓާއި ރޯ ހައުސްތައް ހިމެނޭ އެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެއްބަސް ވުމުގައި ސޮއި ކުރާތާ ހަތަރު މަހެއްހާ ދުވަސް ފަހުން އެ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެގްރީމަންޓަށް ފަހު ދެން އޮންނާނެ މި ފޭސްގައި ވެސް، ދެ ސަރުކާރު ދެމެދުގައި އޮންނަ ފްރޭމްވޯކް އާއި ލޯން އެގްރީމަންޓުގައި ސޮއިކުރުން. ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ އެގްރީމަންޓުގައި ސޮއިކުރުމަށް ވާހަކަދެއްކުމުގެ ކަންތައް ކުރިއަށް ގެންދާނަން. އެއަށް ފަހު އަމަލީ މަސައްކަތް ފަށައިގަންނާނެ،" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އަދި ހައުސިން ޔުނިޓްތައް އަޅާނެ ރަށްތަކެއް އަދި ކަނޑަނާޅާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ސީއެމްއީސީއާ އެކު މިއަދު ވި އެއްބަސްވުމުގެ ދަށުން އެ ހުރިހާ ހައުސިން ޔުނިޓްތައް ވެސް އަޅާނީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުންނެވެ. އެގޮތުން 150 މިލިއަން ޑޮލަރު ލޯނުގައި ގޮތުގައި ހޯދުމަށް ނިންމާފައި ވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
"މިއަދު މި ސޮއިކުރެވުނު ކޮމާޝަލް އެގްރީމަންޓާއި ޑީޓެއިލް ޑިޒައިނާ އެކު ކޮންމެ ހައުސިން ޔުނިޓަކަށް ޖެހޭ އަގު އަޅުގަނޑުމެން ކަނޑައަޅާނަން. ލޯނު އެ އަދަދަށް ނެގި ކަމުގައި ވިއަސް ފަހަރެއްގައި އެއަށް ވުރެ ހައުސިން ޔުނިޓުގެ ހަރަދު ކުޑަވެދާނެ،" އަސްލަމް ވިދާޅުވި އެވެ.
ދިހަ ހާސް ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ވި ވައުދު ފުއްދުމާއި ގާތްވެފައި ވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި އިމާރާތްކުރާ ބައެއް ޔުނިޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެހެން ހައުސް ޔުނިޓްތަކުގެ މަސައްކަތްވެސް ފަށާނެ ކަމަށެވެ.
ސީއެމްއީސީން މިހާރުވެސް އަންނަނީ ހުޅުމާލޭގައި 1000 ހައުސިންޔުނިޓުގެ މަސައްކަތްކުރަމުންނެވެ. އެ ކުންފުނިން ރާއްޖޭގައި އަޅާ 4000 ހައުސިން ޔުނިޓަކީ ދިގު މުއްދަތަކަށް ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން އަޅާ ހައުސިންޔުނިޓް ތަކެކެވެ.