08 Sep 2015, 16:24
ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ވަޅިން ހަމަލާދިން މީހުންގެ ތަހުގީގު ވީއެންމެ ހަލުވި މިނެއްގައި ނިންމައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅައި ދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނެރަލް އަށް ގޮވާލައިފި އެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިފަދަ އަނިޔާވެރި އަމަލެއްގެ ޝިކާރައަކަށް ގާނޫނީ ވަކީލަކު ވެފައިވުމަކީ އެމަނިކުފާނު އެކަމާ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގާނޫނީ ވަކީލު ކަމުގެ ޚިދުމަތަށާއި އަދި އެއީ ޝަރުއީ ދާއިރާގެ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ކުރަން ޖެހޭ ކަންކަން މިހާރަށް ވުރެ ހަލުވިކޮށް ކުރިއަށްގެންދިޔުމަށް ބޭނުންވެފައިވާކަން ފާހަގަކޮށް އެކަމުގައި މި އޮފީހުގެ ދައުރު އަދާކުރުމަށް ފަސްނުޖެހޭނެކަން މި ފުރުސަތުގައި ހާމަކުރަމެވެ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މަހުފޫޒު ގަޔަަށް ވަޅި ހަރާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 5:20 އެހާކަން ހާއިރު ސައިކަލެއްގެ ފަހަތު ސީޓުގައި އޭނާ އިންނަވަނިކޮށް، މާވެޔޮމަގުން އެހެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
މަހުފޫޒަށް އިތުރު ފަރުވާދިނުމަށް މިހާރު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާލާފަ އެވެ.
މަހުފޫޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ވެރި ރަށް މާލޭގައި ރޯމާ ދުވާލު މަހުފޫޒަށް ދިންހަމަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.