އާސާމް (ސެޕްޓެމްބަރު 8) : އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމް އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ 200،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި 1.5 މިލިޔަނަށް ވުރެ މީހުން ހާލުގައި ޖެހިއްޖެ އެވެ.

އާސާމްގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި އެސްޓޭޓްގެ ގިނަ ސަރަހައްދުތައް ވަނީ ފެނުގެ އަޑީގަ އެވެ. އެގޮތުން އާސާމްގެ 32 ޕްރޮވިންސްގެ ތެރެއިން 17 ޕްރޮވިންސެއްގައި ވަނީ ފެންބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން ދެލައްކައަށް ވުރެ ގިނަމީހުން ގެ ގޮދޮރު ހަލާކުވެފައިވާ އިރު އެމީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސް ވަގުތީ ހިޔާވަކިކަން ފޯރުކޮށްދިނުމުގެ ކަންތައް މައި ސަރުކާރުގެ އެހީއާ އެކު ނޫނީ ކުރެވެންނެތް ކަމަށް އާސާމްގެ ލޯކަލް ސަރުކާރުން ބުނެ އެވެ. މީގެއިތުރުން ހާލުގައިޖެހިފައިވާ 1.5 މީހުންނަށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީވެސް ފޯރުކޮށްދޭން ޖެހިފައިވެ އެވެ.

އާސާމް އަކީ ފަގީރުން ގިނަ ސްޓޭޓަކަށްވި ނަމަވެސް އެއީ ތެލުގެ މުއްސަނދިކަން ވެސް ލިބިގެންވާ ސްޓޭޓެކެވެ. ފަރުބަދަމަތީ މި ސްޓޭޓަކީ ސައިފަތް އުފައްދައިގެން ވެސް ބޮޑު އާމްދަނީއެއް ހޯދާ ސްޓޭޓެކެވެ. އާސާމްގެ ޗީފް މިނިސްޓަރ ޓަރޫން ޖޯޖްވީ ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީއާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ދިނުމަށް އެދި އިންޑިޔާގެ މައިސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ. އިންޑިޔާގެ އިރުމަތީ ސްޓޭޓްތަކަށް ވިއްސާރަކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ފަރުބަދަމަތީގެ ސްޓޭޓެއްކަމަށްވާ އާސާމަކީ ކުޑަކޮށް ވާރޭ ވެހުމުން ވެސް ފެންބޮޑުވާ ސްޓޭޓެކެވެ. މިހާރުވަނީ އެސްޓޭޓްގެ އެންމެ ބޮޑުކޯރުކަމަށްވާ ބްރަހަމާޕުޓްރާ ފުރި ބަންޑުންވެފަ އެވެ. މިކަމުގެ ސަބަބުން އެސަރަހައްދާ ކައިރި ދެހާސް ވިލެޖްވަނީ ފެނުގެ އަޑީގަ އެވެ. އަދި ދަނޑުވެރި ބިންތަކުގެ ބޮޑުބައެއް ވެސް ވަނީ ފެނުގެ އަޑީގައެވެ. (މައުލޫމާތު : ނޫސްއެޖެންސީތައް)