17 Mar 2011, 13:51
ދިއެފްއެމް ވިޝުއަލް ރޭޑިއޯ އިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ފޮނުވި ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ "ކަރާމާތާއި އިއްޒަތަށް އުނިކަން ލިބޭ ފަދަ ވާހަކަ"ތަކެއް ދައްކާފައިވާ ކަމަށް ބުނެ، އެ ސްޓޭޝަނުގެ ދެ ނޫސްވެރިއަކާއި އިސް ވެރިޔައަކު މަޖިލީހުގެ އާންމު ކޮމެޓީ އަށް ހާޒިރުކުރާ ގޮތަށް ނިންމައި ދިއެފްއެމް އަށް ދޫކޮށްފައިވާ މަޖިލީހުގެ ލައިވް ފީޑް ކަނޑާލައިފި އެވެ.
މަޖިލީހުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ މަޖިލީހުގެ ކަރާމަތާއި އިއްޒަތަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއް ދި އެފްއެމްގެ ޕްރޮގްރާމެއްގައި ދެ ނޫސްވެރިއަކު ދައްކާފައިވާ ކަމަށާއި އެ ވާހަކަ ދެއްކި ދެ ނޫސްވެރިންނާއި އަދި އެ ސްޓޭޝަންގެ ވެރިއަކު މަޖިލީހުގެ އާންމު ކޮމެޓީ އަށް އަންނަ ހޯމަ ދުވަހު ހާޒިރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ދިއެފްއެމް އަށް ދޫކޮށްފައިވާ މަޖިލީހުގެ ވީޑިއޯ ފީޑް ވެސް ކަނޑާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މުޅި މަޖިލީހަށް ހުތުރުވާ ގޮތަށް މި ތަނަކީ ޒުލެކޭ ކިޔައިން އެބޭފުޅުން ވާހަކަ ދެއްކީ. އެހެންވެ ލައިވް ފީޑް ވެސް ކަނޑާލައި އަދި އެ ވާހަކަ ދެއްކި މީހުން އެކަންޏެއް ނޫން އިސްވެރިއަކު ވެސް ވެދާނެ،" މެންބަރު ވިދާޅުވި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި މަޖިލީހުގެ އާންމު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައި ވަނީ ދިއެފްއެމްގް ދެ ނޫސްވެރިންނަކީ، ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް މުހަންމަދު ޖިނާހާއި ޖާނަލިސްޓް، މުހަންމަދު ޝާފިއު އެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ މިއަދު ވިދާޅުވީ ދިއެފްއެމް އަށް މަޖިލީހުން ދޫކޮށްފައިވާ ލައިވް ފީޑް ވެސް ކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވުމަށް އަދި އަންގާފައި ނުވާކަމަށް މަސްއޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފީޑް ވަނީ ކަނޑާލާފައި އިއްޔެ އިން ފެށިގެން. އަޅުގަނޑު ވެސް އަޑު އަހާފައި ވަނީ ކޮމެޓީ އަށް ހާޒިރު ކުރަން ހޯމަ ދުވަހު އުޅޭ ވާހަކަ. އެކަމަކު މަޖިލީހުން އަދި އަންގާފައެއް ނުވޭ،" މަސްއޫދު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުހަންމަދު ނަޒީފު މިއަދު ވިދާޅުވީ ދިއެފްއެމްގެ މައްސަލައިގާ މަޖިލީހާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށާއި ކައުންސިލްގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން އިއްޔެ ދިއެފައެމް އަށް އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރި "މޯނިން އެޑިޝަން" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހާއި މަޖިލިސް މެމްބަރުންނާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ ރިކޯޑިން ވީހާ ވެސް އަވަހަކަށް މަޖިލީހަށް ފޮނުވުމަށެވެ.
ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހާއި މެމްބަރުންނާ ގުޅޭ ވާހަކަތަކެއް ދިއެފްއެމް އިން ދައްކާފައި ވަނީ އަންގާރަ ދުވަހު ހެނދުނު 8:00 އިން 9:00 ފޮނުވި "ބްރެކްފަސްޓް ކްލަބް" ޝޯ ގައެވެ. އަދި އެތަނުން ފޮނުވާ މޯނިން އެޑިޝަންގެ ރިކޯޑިން ފޮނުވުމަށް މަޖިލީހުން އެދުނީ އޮޅިގެން ކަމަށް ވެސް އެނގިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ މުގައްރިރަކީ ތުޅާދޫ ދާއިރާގެ ނާޒިމު ރަޝާދެވެ. އަދި ނާއިބު މުގައްރިރަކީ މާވަށު ދާއިރާގެ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރެވެ.
ދެން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒާއި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒާއި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދާއި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމާއި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދެވެ.