ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދަށް ވަޅިން ދިން ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް އޭނާ ސްރީލަންކާ އަށް ގެންގޮސްފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ މަހުފޫޒު ރޭ ސްރީލަންކާ އަށް ގެންގޮސްފައި ވަނީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.

އާއިލާ އިން މަހުފޫޒު ރާއްޖެ އިން ބޭރަށް ގެންދިޔައީ އޭނާގެ ވާތްފަރާތު ލޮލުގައި ފުސްކަމެއް ހުރުމުގެ ސަބަބުންނެވެ.

ޒީނަތު ވިދާޅުވީ އެ ލޮލުގައި ފުސްކަމެއް ހުރީ ވަޅި ހެރުމުގެ ސަބަބުން ލޯކައިރި ދުޅަވެފައިވުމުގެ ސަބަބުން ކަމަށެވެ. އަދި ދުޅަ ތިރިވާ ވަރަކަށް ލޮލުގެ ފެނުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން އާއިލާ އަށް ކިޔައިދީފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

"އެހެންނަމަވެސް އާއިލާއިން ބޭނުންވީ ރާއްޖެ އިން ބޭރަށް ގެންދަން،" ޒީނަތު ވިދާޅުވި އެވެ.

މަހުފޫޒު ގަޔަަށް ވަޅި ހަރާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 5:20 އެހާކަން ހާއިރު ސައިކަލެއްގެ ފަހަތު ސީޓުގައި އޭނާ އިންނަވަނިކޮށް، މާވެޔޮމަގުން އެހެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މަހުފޫޒަށް ހަމަލާދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.