ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް މިއަދު ރާއްޖެއިން ނުކުންނައިރު މިއީ ފުޓުބޯޅައިގެ ތާރިޚުގައި ރާއްޖެއާ ޗައިނާ ބައްދަލުކުރާ ތިން ވަނަ މެޗެވެ.

ޗައިނާއާ ދިވެހިރާއްޖެ މީގެ ކުރިން ބައްދަލުކޮށްފައި ވަނީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގަ އެވެ. އެ އަހަރަކީ ޗައިނާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ޗައިނާއާ ދެކޮޅަށް އެ ގައުމުގައި 2001 ވަނަ އަހަރު އޭޕްރީލް މަހު 22 ވަނަ ދުވަހު ކުޅުނު ފުރަތަމަ ލެގް މެޗުން ރާއްޖެ ބަލިވީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންވެ. ދައްކަން މި އުޅެނީ އެ ދުވަހުގެ މެޗްގައި ޗައިނާ ކޮޅަށް ލަނޑު ޖެހި ދިވެހި ކުޅުންތެރިޔާގެ ވާހަކައެ އެވެ.

އޭރު ކ. ހުރާއަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސްއަށް ކުޅެމުން ގެންދިޔަ ހުރާގެ އިސްމާޢީލް ނަސީމް (ކޭޑީ) ގެ ވާހަކައެވެ.

ކޭޑީއަކީ ފުޓްބޯޅައިގެ އާއިލާއަކުން އައި ކުޅުންތެރިޔެއް ނޫނެވެ. އޭނާގެ އާއިލާއަކީ ޢިލްމަށް ލޯބިކުރި އާއިލައެކެވެ. ދުވަސްކޮޅަކު މަހަށްދާން އުޅެފައި ހުރައަށް ކުޅުނު އަބުދުލް ވާހިދު (ވާއްޑޭ) ހޯދައިދިން ފުރުސަތަކުންނެވެ.

ހުއްރިއްޔާ ސްޕޯޓްސްއަށް ކުޅެމުން ގެންދިޔަ ހުރާގެ އިސްމާޢީލް ނަސީމް (ކޭޑީ) (ކ)ގެ ކަރުގައި މެޑަލް އަޅުވަނީ: އޭނާއަކީ ޗައިނާކޮޅަށް ލަނޑު ޖެހި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާ-- ފޮޓޯ/ ކޭޑީ

ނަމަވެސް ދުވަހަކަ ވެސް ގައުމީ ޓީމަށް އެރޭނެ ކަމަކަށް އޭރު އޭނާ އުންމިދެއް ނުކުރެއެވެ. ނަމަވެސް ކުރީގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ މޯނިންގްސަން މޫސާ މަނިކު (ކުޑަ މޫސަ) ހުރާގެ ކޯޗްކަމާ ހަވާލުވެ ދެމުން ގެންދިޔަ އިރުޝާދުތަކުން ދަސްވި އެއްޗިހިން ގައުމީ ޓީމަށް ކުޅުމުގެ ހިޔާލު ކޭޑީ ހިތުގައި އުފެދިގެންދިޔައެވެ.

ކޮރެއާއާ ޖަޕާނުގައި ބާއްވި ވޯލްޑް ކަޕް ކޮލިފައިން މެޗްތަކަށް ގައުމީ ޓީމްގެ ސްކޮޑަށް ކުޅުންތެރިން ނެގިއިރު އޭރުގެ ކޯޗް ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒްގެ ވިސްނުމުގައި ކޭޑީ ޓީމްގައި ހިމެނުމުގެ ވިސްނުމެއް ނެތެވެ.

ނަމަވެސް ކޭޑީ ޓީމަށް ނެގުމުގެ ހިޔާލު ކޯޗަށް ދިނީ އޭރުގެ ގައުމީ ޓީމްގެ ކެޕްޓަން މުޙައްމަދު އިބްރާހިމްގެ (ކައްޕި) އެވެ.

ޗައިނާއަކީ އޭރުވެސް އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ރާއްޖޭގެ ފޯމޭޝަން އަތުރާލާފައި އޮތީ އަމިއްލަ ހާފުގައި ތިބެގެން ޓީމް ޑިފެންސް ކުރާ ގޮތަށެވެ.

އެދުވަހުގެ މެޗްގައި ކޭޑީ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތެވެ. މީގެ 14 އަހަރު ކުރިން ކުޅުނު ތާރީޚީ އެމެޗްގައި ލަނޑުޖެހި ގޮތް ކޭޑީ ސަންއާ ހިއްސާކުރިއެވެ.

މެދު ރޮނގަށް ފައިބައިގެން ތިބެ ކުޅެމުން ދިޔަ ރާއްޖޭއާ ދެކޮޅަށް ޗައިނާއަށް ލިބުނު ކޯނަރެއްގައި ކީޕަރު ޢިމްރާން ދިފާއު ކުރުމުން ނިކުތްބޯޅަ ލިބެނީ ކޭޑިއަށެވެ. އޭނާ އެ ބޯޅަ ޕާސް ކުރީ މިހާރު އެފްއޭއެމް ނޯމަލއިޒޭޝަން ކޮމިޓީގެ މެންބަރު މުހައްމަދު ހުސައިން (އޮއްޓޭ)އަށެވެ. އޮއިއްޓޭ އެ ބޯޅަ އަލުން ޕާސް ކުރީ ޗައިނާގެ ޑިފެންސްގެ ފަހަތަށް ވާ ގޮތަށް ކޭޑީއަށެވެ. ކޭޑީއަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައި އޭނާ ފޮނުވާލީ ޗައިނާގެ ގޯލް ކަނާތް ފަރާތު ކަނަށެވެ.

އެ ބޯޅަ އޮއިއްޓޭއަށް ދީފައި އަލުން ކޭޑީއަށް ލިބުނީ ދެ ކުޅުންތެރިންގެ މެދުގައި ދަނޑު މަތީގައި ކުރެވުނު ކޮމިޔުނިކޭޓުންނެވެ. ދެ ކުޅުންތެރިންނަށްވެސް ދެކުޅުންތެރިންގެ ހުނަރު ދެނެގަނެވި ކޮމްބިނޭޝަން ރަނގަޅުވީމަ އެވެ.

"އޮއިއްޓޭއަށް ބޯޅަ ދިނުމަށްފަހު އޮއިޓޭއަށް އެނގޭނެ އަހަންނަކީ ބޯޅަޔާއެކު ދުވާ ކުޅުންތެރިޔެއްކަން. އަނެއްކާ ދަނޑުމަތީގައި މުއާމަލާތް ކުރާ ގޮތަށް އަހަރެން ބުނިން އޮއިޓޭއޭ އަހަރެން އެބަ އަރަމޭ. އަަހަންނަށް ބޯޅަ ދޭށޭ. އެގޮތަށް ބޯޅަ އަހަންނަށް ލިބުނީ ޗައިނާގެ ޑިފެންސް ފަހަތައްވާ ގޮތަށް،" ކޭޑި ބުންޏެވެ.

ކޭޑީ ބުނީ މެޗްގެ 61 ވަނަ މިނެޓްގައި ޖެހި އެ ލަނޑު ވަން ކަންވެސް ފުރަތަމަ އޭނާއަށް ނޭންގޭ ކަމަށާއި ލަނޑު ވަންކަން ވެސް އެނގުނީ ލަނޑު ޖަހަފައި ސެލަބަރޭޓް ކުރުމުގެ ގޮތުން އެހެން ކުޅުންތެރިޔަކު އޭނާ ކޮށްޕާލުމުން ކަމަށެވެ. އަދި އެ ލަނޑާއެކު ހުރިހާ ކުޅުންތެރިން އައިސް ވަރަށް ބޮޑަށް ސެލަބަރޭޓް ކުރި ކަމަށެވެ.

އެވަގުތު ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނު އުފާވެރިކަން ކޭޑީ ސިފަ ކުރީ ރާއްޖެއަށް ފުޓްބޯޅައިން ބޮޑު ކާމިޔާބެއް ލިބުނުހެން އިހްސާސްވާ ގޮތަށެވެ.

ކޭޑީ ބުނީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކާ ދެކޮޅަށް ކުޅުނު މެޗްގައި ލަނޑު ޖެހުމުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ.

ޗައިނާ ކޮޅަށް ލަނޑު ޖެހުމުން ދަނޑުގައި ތިބި ޗައިނާގެ ސަޕޯޓަރުންގެ ފަރާތުން އެ ޓީމަށް ފުރައްސާރަ ރައްދުވާ ގޮތަށް ހަޅޭއްލަވަމުން ގެންދިޔަ އެވެ.

ފުރަތަމަ ލެގް މެޗަށްފަހު އޭގެ ފަސް ދުވަސް ފަހުން އޭޕްރީލް 28 ވަނަ ދުވަހު ރާއްޖޭގައި ކުޅުނު މެޗުގައި ޗައިނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެދުވަހުގެ މެޗްގައި ކޭޑީ ފެށީ ބެންޗުންނެވެ. ކޯޗް ޔަންކޭ ކޭޑީ ދަނޑަށް ނެރުނީ އޭރުގެ އެއް ވަނަ ކުޅުންތެރިޔާ ޢަލީ ޝިހާމްގެ ބަަދަލުގަ އެވެ.

ކޭޑީ ބުނީ ދަނޑަށް އެރުމުން ކައްޕިގެ ފަރާތުން ހިތްވަރެއް ލިބުނު ކަމަށާއި އެއީ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލުމަށް ހިތްވަރު ލިބުނު ކަމަށެވެ.

"ދެ ވަނަ ލެގް މެޗްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އެރުމުން ޗައިނާގެ ކުޅުންތެރިންނަށް ވެސް އެނގިއްޖެ. އެ މީހުން ވަރުބަލިވެފައި ތިއްބައި އަހަރެން ދަނޑަށް އަރުވަނީ ލަނޑެއް ޖަހުުވަންކަން. އެހެންވެ ވަރަށް ބޮޑަށް މާކް ކޮށްގެން ކުޅުނީ" ކޭޑީ ބުންޏެވެ.

ކޭޑީގެ ލަނޑަށް 14 އަހަރު ފުރުނުއިރު ވެސް އޭނާގެ ނާމާއި އެގޯލް ވަނީ ދިވެހި ތާރީޚްގައި ރަން އަކުރުން ލިޔެފަ އެވެ. އަނެއްކާ ވެސް ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭއިރު ގައުމީ ޓީމްގެ އަމާޒަކީ ޗައިނާ ހިފެހެއްޓުމެވެ. މިހާރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފައިވާއިރު، ކާފަ ދަރިއަކު ލިބިފައިވާ ކޭޑީގެ އުންމީދަކީ ވެސް ޗައިނާ މެޗްގައި މިހާރުގެ ދިވެހި ކުޅުންތެރިންނަށް ކާމިޔާބު ލިބުމެވެ.