08 Sep 2015, 12:26
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ވަނުމުގެ ފުރުސަތު އޭނާގެ މަންމައާ ބައްޕައަށް ވެސް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އުސްމާންގެ މައްޗަށް އުފުލާފައިވާ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ މައްސަލަ ބައްލަވަނީ ގާޒީ ސައީދު އިބްރާހީމެވެ. އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް، އެއްވެސް މީހަކަށް އަޑުއަހަން ނުވަދެވޭ ގޮތަށް ގާޒީ ސައީދު ވަނީ ސިއްރު ކުރައްވައިފަ އެވެ.
މިކަމާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އުސްމާންގެ އަޑުއެހުން ސިއްރުކޮށްފައި ވަނީ ދައުލަތުން އެގޮތަށް އެދުމުން ކަމަށެވެ.
އެހެންނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އެއިން އެއްވެސް މީހެއްގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެ ކަމަށެވެ. ހަމައެކަނި އެދިފައި ވަނީ ހެކީންގެ ހެކިބަސް ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ނަގައިދިނުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ކުރާ ކަމެއް، ހެކިބަސްދޭ ފަރާތުން އެދިއްޖެ ނަމަ އެމީހެއްގެ ހެކިބަސް ސިއްރުން ނަގައިދިނުމަށް ކޯޓުގައި އެދުން. އޭގެ މާނައަކީ ޝަރީއަތް ސިއްރުކުރާށެކޭ ނޫން. އޭގެ މާނައަކީ ހެކިބަސްދޭ މީހާ އެއްވެސް މީހަކަށް ނުފެންނަ ގޮތަށް އެހެން ތަނެއްގައި ބަހައްޓައިގެން އަޑު ބަދަލުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.
އުސްމާންގެ މަންމަ އާއި ބައްޕަ މިއަދު ޝަރީއަތް އަޑުއަހަން ދިޔުމުން ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ސިއްރުކޮށްފައިވާ ކަމަށް ބުނެ އެ ދެ މީހުން ގެއަށް ފޮނުވާލައިފަ އެވެ.
އެ ދެ މީހުން ގެއަށް ފޮނުވަލިތާ އެތައް އިރެއްފަހުން ހެކީން ހާޒިރުކުރެވޭތީ މިއަދުގެ އަޑުއެހުން ކެންސަލްވެފައިވާކަން ކޯޓުން ވަނީ ދިފާއީ ވަކީލަށް އަންގާފައެވެ.
މީގެކުރިން އެ މައްސަލައިގެ އަޑުއެހުމަށް އޭނާގެ މަންމާ އާއި ބައްޕަގެ އިތުރުން ނޫސްވެރިން ކޯޓަށް ދިޔުމުން އެ ޝަރީއަތް ސިއްރުކޮށްފައިވާތީ ނުވަދެވޭނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.
ގާޒީ ސައީދުގެ އިތުރުން ގާޒީ އަބްދުލް ބާރީ ޔޫސުފް ވެސް ފުލުސް މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ބައްލަވަ އެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 13 މީހެއްގެ މައްސަލަ އެ ކޯޓުގެ އިސް ގާޒީ ވެސް ބައްލަވަ އެވެ.
ގާޒީ ބާރީ އަދި އިސްގާޒީ އަބްދުﷲ މުހައްމަދު ބައްލަވާ މައްސަލަތަކުގެ ޝަރީއަތް އަޑުއަހަން އެއްވެސް ހުރަހެއް ނެތި ނޫސްވެރިންނާއި އާންމުންނަށް ވެސް ވަދެވެ އެވެ.