ލިޔަންކިޔަން ދަސްކުރުމުގެ 10 އަހަރު ދުވަހުގެ މަޝްރޫޢު ނިންމާލި އިރު، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ 2014 މީހުން ކަމަށާއި އެއީ އާބާދީގެ 1.8 ޕަސެންޓް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ މުނާސަބަތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމު މިއަދު ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެ އަކީ އިލްމަށް ލޯބިކުރާ، އުނގެނުމާއި އުނގަންނައި ދިނުމަށް ހާއްސަ ސަމާލުކަމެއްދޭ ބަޔަކު އުޅެމުން އައި ގައުމެއް ކަމަށެވެ.

"ތަފާތު ދުވަސްވަރުގައި ނަމާދުކުރާށާއި ގުރުއާން ކިޔަވާށާއި ދީނީ އެހެން އަޅުކަންތައް އަދާކުރުމަށް ބޭނުންވާ މިންވަރަށް ތަޢުލީމު އުގަންނައި ދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތާރީޚީ ލިއުންތަކުން އެނގެ އެވެ،" މިނިސްޓަރުގެ ހިތާބުގައިވެ އެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައި ވަނީ މީގެ 50 އަހަރު ކުރިން، 1965 ވަނަ އަހަރުގަ އެވެ.

ލިޔަންކިޔަން ދަސްކޮށް ދިނުމުގެ އެންމެ ފުޅާ މަޝްރޫއުއެއް ރާއްޖޭގައި ހިންގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު އެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ފެއްޓި އިރު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ 19،215 މީހުން ތިބި ކަމަށެވެ. އަދި އެއީ އާބާދީގެ 18.3 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މަޝްރޫއު ނިންމާލި އިރު އެ އަދަދު 2014 މީހުން ނޫނީ، 1.8 ޕަސެންޓަށް ދައްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލިޔަންކިޔަން ދަތުމުގެ ދުވަހެއް ފާހަގަކުރާ އިރު، މިއަދު މުޅި ރާއްޖެ އަށް ޒަމާނީ ތައުލީމު ޢާއްމު ކުރެވިފައިވާ ކަމަށާއި ތައުލީމީ ގޮތުން ދިވެހި ދަރިވަރުން އަންނަނީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ޙާސިލްކުރަމުން ކަމަށެވެ.