17 Mar 2011, 13:11
ދައުލަތުގެ އިސް ބޭފުޅުންކޮޅެއް، ވެބްކެމް ކުރިމަތީ "ހުތުރު" އަމަލުތަކެއް ހިންގަވަނިކޮށް ރެކޯޑުކޮށްފައިވާ ވީޑިއޯތަކެއް ލީކުވެ، އެބޭފުޅުން ބްލެކްމެއިލް ކުރި ޚަބަރު މިދިޔަ މަހު މީޑިއާގައި ފެތުރިގެންދިއުމުން ގިނަ ބަޔަކަށް ސިހުން ލިބިގެންދިޔަ އެވެ. އެ ބަރަހަނާ މަންޒަރުތަކާ ގުޅޭ ހަގީގަތް ހޯދުމަށް ގިނަ ބަޔަކު ކެތްމަދުވެފައި ވަނިކޮށް، ކުރިންސުރެ ތަފާތު މީޑިއާތަކާއި ބްލޮގުތަކުގައި ވާހަކަ ދެކެވެމުންދިޔަ ދައުލަތުގެ ބައެއް އިސްވެރިންނާ ގުޅުހުން ހުރި ބަރަހަނާ ވީޑިއޯތައް ލީކުވެ، "އަސްލު" ބަރަހަނާވި ވެރިންނަކީ ކޮބައިކަން އާއްމުންނަށް އެނގޭ ހިސާބަށް ވަނީ މައްސަލަ ތިލަވެފަ އެވެ.
ފޭސްބުކާއި ޔޫޓިއުބް ފަދަ އާއްމުންކޮށް މީހުން ވަދެ އުޅޭ ގިނަ ސޯޝަލް ވެބްސައިޓުތަކުގައި އިއްޔެ އިން ފެށިގެން އެ މީހުންގެ "އެ މަންޒަރުތައް" ސެންސަރުކޮށް، އެއީ ކޮން ބައެއް ކަން ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން އިއްޔެ ފޭސްބުކްގައި ޓެގްކޮށްފައިވާ ޔޫޓިއުބްގެ ވީޑިއޯއަކުން ފެންނަނީ ބަރަހަނާ ވީޑިއޯތަކުން ފެނިފައިވާ ކަމަށް އެންމެ ގިނަ ބަޔަކު ބުނި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ "އަރިސް ބޭފުޅާ" އެވެ. މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި އެ ބޭފުޅާއަކީ ރައީސް އޮފީހުގެ އިސްމަގާމެއް ފުރައްވާ ބޭފުޅެކެވެ. އެ ހުތުރު އަމަލުތައް ފުރަތަމަ އޭނާ ހިންގަވަނީ ގެއެއްގެ ސިޓިން ރޫމެއްގެ ތެރޭގައި ލެޕްޓޮޕެއް ކުރިމަތީ އިށީނދެ އިންނަވައިގެންނެވެ.
އަނެއް ފަރާތުން ވާހަކަ ދައްކަނީ ކާކުކަމެއް އަދި ދައްކަނީ ކޮން ވާހަކަތަކެއް ކަމެއް އެގާރަ މިނެޓުގެ އެ ވީޑިއޯ އިން ނޭނގުނަސް، ސްކްރީނަށް ބަލަހައްޓަވައިގެން އިންނަވައި "ހުތުރު އަމަލު" ހިންގަވަމުން ދާއިރު އެ މަންޒަރުތައް ބަޔަކު ރެކޯޑުކުރަމުންދާ ކަމުގެ ހިލަމެއް އެބޭފުޅާ އަށް ވާހެން ވެސް ހިއެއް ނުވެ އެވެ.
ދިވެހި ޚަބަރުފަތުރާ ވެބްސައިޓަކުން އިއްޔެ ވަނީ އިތުރު "ބަރަހަނާ ވީޑިއޯ"ތަކެއްގެ އައިޑެންޓިޓީ ވެސް އެކިމީހުންނަށް މެއިލްކޮށްފަ އެވެ. ކުރީގެ ވީޑިއޯ އާއި އެ ވީޑިއޯތަކާ ވެސް މާބޮޑުތަފާތެއް ނެތެވެ. އެ ވީޑިއޯތަކުން ފެންނަ ފަރާތްތަކުން ހިންގާ ހުތުރު އަމަލުތައް ރެކޯޑުކޮށްފައި ވަނީ ވެސް ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރެއްގެ ވެބްކަމަކުންނެވެ.
އެ ވީޑިއޯތަކުގެ ތެރޭގައި ވެސް ރައީސް އޮފީހުގެ އިސް މަގާމެއް ފުރުއްވާ އެހެން ބޭފުޅަކު ހިމެނެ އެވެ. ވެބްކެމް ކުރިމަތީ އަމިއްލަ އިޚްތިޔާރުގައި ބަރަހަނާވި އެބޭފުޅާ އަދި ވެސް ހުންނެވީ ރައީސް އޮފީހުގެ ވަޒީފާގައި ކަމަށްވެ އެވެ.
ނަމަވެސް، ލީކުވި ވީޑިއޯތަކުގެ ތެރެ އިން އެއް ވީޑިއޯ އިން ފެންނަ ކަމަށްވާ މާލެ މުނިސިޕަލްޓީގެ އިސް ބޭފުޅާ ވަނީ "އަޚްލާގީ ގޮތުން ދަށްފެންވަރުގެ ވީޑިއޯ"އެއްގެ ތުހުމަތުގައި މިހާރު ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ފަދައިން، އިތުރު ވީޑިއޯތަކުން ފެންނަނީ މުޖުތަމައުގެ އެކިފަންތީގެ، އެކި އުމުރުފުރައިގެ މީހުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ބޭފުޅުން ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން އެއް ވީޑިއޯއެއްގައި ގިނަ ބަޔަކު އެމީހެއްގެ މަޅީގައި ޖެއްސި "ދޮން" އަންހެންކުއްޖާ ވެސް ހުތުރު އަމަލުތައް ހިންގަމުންދާތަން ފެނެ އެވެ.
ލަދުވެތި އެ ވީޑިއޯތަކުގެ ތެރެއިން އެންމެ ބޮޑު ސިހުމެއް ލިބޭ އެއް ވީޑިއޯއަކީ ކުޑަކުދިންތަކެއްގެ ކުރިމަތީ މެދު އުމުރުފުރައިގެ އަންހެނަކު ހިންގަމުންދާ ހުތުރު އަމަލުތައް ދައުކުވައިދޭ ވީޑިއޯ ކްލިޕެވެ. އެ އަންހެން މީހާ ވެބްކެމް ޖައްސައިގެން ގޮނޑިއެއްގައި އިނދެ، ބަރަހަނާވެ، ހުތުރު އަމަލުތައް ހިންގަމުންދަނީ ތުއްތު ދެފިރިހެންކުއްޖެއްގެ ކުރިމަތީގަ އެވެ.
ޤާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ އެ ހުތުރު އަމަލުތައް ދައްކުވައިދޭ ގިނަ ވީޑިއޯތައް މިއަދު އާއްމުވެ، އިންޓަނެޓު ވެބްސައިޓުތަކާއި މީހުންގެ ފޯނުތަކާ ހަމައަށް ފޯރައިފައިވާ އިރު، އެ ވީޑިއޯތަކުގެ ހަގީގަތް އަންގައިދިނުމަކީ މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޚާއްސަކޮށް ދައުލަތުގެ އިސްވެރިންނާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭއިރު، މިއީ އެންމެ އަޑިއަށް ނުގޮސް، ދޫކޮށްލެވޭނެ ވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް ސިޔާސީ ޕާޓީތަކުންނާއި އާއްމުން ދަނީ ބުނަމުންނެވެ.