ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ޗައިނާއާ ދެކޮޅަށް ނިކުންނަ މެޗްގައި މުޅި މެޗު ޑިފެންސްކޮށްގެން ކުޅެން ނުވިސްނާ ކަމަށާއި ބޭނުން ވަނީ ޗައިނާ ހުއްޓުވުން ކަމަށް މެޗްގައި ރާއްޖޭގެ ކޯޗްކަމުގެ މަސްއޫލިއްޔަތު އުފުލަމުންދާ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް އިންމަ ބުނެފި އެވެ.

މެޗްގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން އިންމަ ބުނީ ޗައިނާ މެޗްގައި ރާއްޖެ އަށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށާއި ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ރަނގަޅަށް މެޗް ކުޅެފި ނަމަ ރަނގަޅު ނަތީޖާއެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިންމަ ބުނީ ކުދި ޓީމްތައް ބޮޑެތި ޓީމްތަކާ ދެކޮޅަށް ކުޅޭ އިރު އަދި ޚާއްސަކޮށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އަމިއްލަ ދަނޑުގައި ކުޅޭ އިރު ބޮޑެތި ޓީމްތަކަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އިންމަ ކުރިން ބުނެފައި ވަނީ އަމާޒަކީ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗް އެއްވަރުކޮށްލުން ކަމަށެވެ.

މެޗްގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސްކޮންފަރެންސްގައި އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް އިންމަ (ވ) އާއި ވައިސް ކެޕްޓަން ބަކާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ/ ބަކާ ފޭސްބްކް ޕޭޖް

މިއަދުގެ މެޗްގައި ކެޕްޓަން ބޭންޑް އަޅާ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް ބަކާ ބުނީ ޓީމްގައި ހިމެނޭ ޒުވާން ކުޅުންތެރިންނާ އެކު ޓީމް ވަނީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މެޗްގައި ރާއްޖޭގެ އާ ކޯޗް ރިކީ ހާބަޓްއަށް ޓީމްގެ ފެންވަރު ފެނިގެންދާނެ ކަމަށެވެ.

ޗައިނާއާ ރާއްޖެ ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:35ގަ އެވެ.