08 Sep 2015, 10:17
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އަކީ ފުޓްބޯޅައިގެ މައިދާނުގައި މޮޅު ތަރި އެކެވެ. މޮޑެލް ކުރުމުގަޔާއި ޗެރިޓީ މަސައްކަތުގައި ވެސް އޭނާއަކީ ނަމޫނާ އެކެވެ. ހުނަރުވެރިކަން ދައްކަން އަދިވެސް ބޭނުންވާ ބެކަމްގެ ވިސްނުން މިހާރު ހުރީ ފިލްމީ ދާއިރާއާ ގުޅުމަށެވެ.
އިންގްލޭންޑުގެ ކުރީގެ ކެޕްޓަން ބުނިގޮތުގައި، މުސްތަގްބަލުގައި ގިނަ ފިލުމުތަކެއްގައި އެކްޓުކުރުމަށް އޭނާ ބޭނުންވެ އެވެ. އަދި ކެރިއަރު ބަދަލުކުރުމާ ގުޅިގެން އަމާޒުވާނެ ފާޑުކިޔުންތަކަށް ތައްޔާރު ކަމަށް ވެސް އޭނާ ބުންޏެވެ.
"ގިނަ ކުޅިވަރުކުޅުންތެރިންނާއި ސެލެބްރިޓީން ފިލްމީ ދާއިރާއަށް ވަދެ، ފެއިލް ވެފައިވާކަން އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ. އަހަންނަށް އިނގޭ އެއީ ވަރަށް އުދަނގޫ ދާއިރާއެއްކަން. އެކަމަކީ ހުނަރާއި އަހުލާގު ބޭނުންވާ ކަމެއް. ފިލްމީ ދާއިރާ ރަނގަޅަށް ދަސްކޮށް އެކަމަށް ފަރިތަނުކޮށް ފިލްމީ ދާއިރާއަށް އެހާ އަވަހަށް ވަންނާކަށް ބޭނުމެއް ނޫން،" ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބެކަމް ބުންޏެވެ.
އިނގިރޭސި ފިލްމުމޭކަރު ގައީ ރިޗީ ޑްރައިރެކްޓުކޮށް އަންނަ އަހަރުގެ ޖުލައި މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު، "ކްނައިޓްސް އޮފް ދަ ރައުންޑް ޓޭބަލް: ކިންގު އާތަރު"ގައި ބެކަމް ފެނިގެންދާ އިރު، ފިލްމުގެ ތަޖުރިބާގައި ވަރަށް ހާސްވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދެއްކުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ބެކަމް ބުންޏެވެ.
"އަހަންނަށް ކިޔަން ލިބުނު 13 ފޮޅުވަތް ވަރަށް ރަނގަޅަށް ފަރިތަކުރިން. ދުވާލަކު އެއް ގަޑިއިރު އެކްޓު ކުރުމުގެ ކުރިން އެ ފަރިތަކުރިން... ކުޅިވަރުގަ ވާއެއްޗަކީ ހިތް ވަރަށް އަވަހަށް ތެޅެން ފަށާނެ. އެކްޓިންގައި ވެސް ވަނީ އެފަދަ އިހުސާސެއް،" ކުރު ފިލްމުތަކުގައި ފެނިގެން ގޮސްފައިވާ ބެކަމް ބުންޏެވެ.
ފުޓްބޯޅަ މައިދާނުގައި 20 އަހަރު ހޭދަކުރުމަށް ފަހު 2013 ވަނަ އަހަރުގެ މޭ މަހު ފުޓްބޯޅަ ކެރިއަރުން އަމިއްލައަށް ރިޓަޔާވެފައިވާ ބެކަމް ބުނާގޮތުން، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންހުއްޓާލީތީ މިހާރު ދެރަވެ އެވެ.
މައުލޫމާތު: ދަ އިންޑިޕެންޑެންޓް، ދަ ގާޑިއަން