08 Sep 2015, 09:40
ގާހިރާ (ސެޕްޓެމްބަރު 8) : ކޮރަޕްޝަންގެ ތުހުމަތުގައި މިސްރުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ސަލާޙް ހިލާލު ހައްޔަރުކޮށްފި އެވެ. ސަލާޙް ހައްޔަރުކުރީ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފަހު މަގާމުން އިސްތިއުފާ ދެއްވުމާއެކުގަ އެވެ.
މިސްރުގެ މީޑިއާ ބުނާ ގޮތުން މިސްރުގެ ފުލުހުން ސަލާހް ހައްޔަރުކުރީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ނުކުމެ ވަޑައިގަތުމާއެކުގަ އެވެ. އަދި ސަލާޙް މަގާމުން އިސްތިއުފާ ދެއްވީ ރައީސް އަބްދުލްފައްތާޙް އައްސީސީ އޭނާ އަށް އެކަން މަޖްބޫރު ކުރައްވައިގެންކަމަށާ އަދި ހައްޔަރުކުރީ ވެސް ސީސީގެ އަމުރުފުޅަށްކަމަށްވެ އެވެ.
މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓާ ވަނީ ވާދީ ނަތްރޫން ސަރަހައްދުގައި ހިންގި ދަނޑުވެރިކަމާ ބެހޭ މަޝްރޫއަކާ ގުޅޭ ގޮތުން ރިޝްވަތުގެ ގޮތުގައާއި ހަދިޔާގެ ގޮތުގައި އެތައް އެއްޗެއް ހޯއްދެވި ކަމުގެ ތުހުމަތު ސަލާހްގެ މައްޗަށް ކުރައްވާފަ އެވެ.
އޭގެ ގެތެރޭގައި އިމާރާތްތަކާއި ޕްލެޓްފަދަ އަގުބޮޑެތި ތަކެތި ވެސް ހިމެނެ އެވެ. އެ މައްސަލާގައި ސަލާޙްގެ އިތުރުން މިސްރުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އިސް ބައެއް މަސްއޫލުވެރިންގެ މައްޗަށްވެސް ޕަބްލިކް ޕްރޮސެކިއުޓާ ވަނީ ތުހުމަތުތައް ކުރައްވާފަ އެވެ. މިސްރަކީ ކޮރަޕްޝަނުގެ އަމަލުތައް ވަރަށް ގިނަ ގައުމެކެވެ.
މިސްރުގެ ބޮޑުވަޒީރު އިބްރާހީމް މަހްލަބް ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާ ހިންގުން އެގައުމުގެ އިރިގޭޝަނާ ބެހޭ ވަޒީރު ހުސާމް މަޣާޒީ އާ ހަވާލުކުރައްވާފަ އެވެ. (މައުލޫމާތު : މިސްރުގެ މީޑިއާ)