ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ޔަމަނުގައި އެކުލަވައިލައިފައިވާ ގުޅިފައިވާ ލަޝްކަރުގައި ބައިވެރިވުމަށް ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލްޚަލީފާގެ ދެ ދަރިކަލުން ކަމަށްވާ ޝެއިޚް ނާސިރު ބިން ހަމަދާއި ޝެއިޚް ޚާލިދު ބިން ހަމަދު ވަރަށް އަވަހަށް ޔަމަނަށް ފޮނުއްވާނޭ ކަމަށް ރަސްގެފާނު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުގެ ދަރީން ވަރަށް އަވަހަށް އެބައިމީހުންގެ އަޚުންނާ ބައިވެރިވެ ގައުމީ ވާޖިބު އަދާކުރުމަށް ޔަމަނުގައި ހަރަކާތްތެރިވަމުންދާ އަރަބި ގުޅިފައިވާ ލަޝްކަރުގައި ތިބި އެކުދީންގެ އަޚުންނާ ބައިވެރިވާނެ،" ރަސްގެފާނު ހަމަދު ބިން އީސާ އަލްޚަލީފާ ވިދާޅުވިކަމަށް އަރަބި ނޫހެއްކަމަށްވާ އަޝްރަގު އަލް އަވްސަތުން ބުނެފައި ވެއެވެ.

ރަސްގެފާނު ހަމަދު ބިން އީސާ މިގޮތަށް ވިދާޅުވެފައި މިވަނީ، ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީ ހަނގުރާމަވެރީން މިދިޔަ ހަފްތާގައި ދިން ހަމަލާތަކެއްގައި ބަހްރެއިން ސިފައިންގެ ފަސް މީހުންނާއި، ސައުދީ އަރަބިއްޔާގެ 10 އަދި ޔޫއޭއީގެ 45 ސިފައިން މަރުވި ހާދިސާއާ ގުޅިގެންނެވެ.

ބަހްރެއިންގެ އިންފޮމޭޝަން މިނިސްޓަރު އަދި ރަސްގެފާނުގެ ތަރުޖަމާން، އަޝްރަގު އަލް އަވްސަތު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "މިއީ ރަސްގެފާނު މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރު" ކަމަށާއި ރަސްގެފާނުގެ ހަގަށްތިބި ދެ ދަރިކަލުން ގައުމުން ބޭރުގައި "އެބައިމީހުންގެ ގައުމީ ވާޖިބު އަދާކުރުމުގައި ހުރި ތެދުވެރިކަން ހާމަކުރުމަށް ހަނގުރާމައިގެ މައިދާނުގައި އެގައުމުގެ ސިފައިންނާ ގުޅޭ ފުރަތަމަ ފަހަރު" ކަމަށެވެ.

މި ޚަބަރު ފެތުރުމާ ގުޅިގެން އަލް އަރަބިއްޔާއިން ޝެއިޚް ނާސިރުގެ އޮފީހުގެ މީޑިއާ ރިލޭޝަން ޑިރެކްޓަރު ތައުފީގު އަލް ސާލިހީއާ ގުޅުމުން ވިދާޅުވި ކަމަށް އެނޫހުން ބުނެފައިވަނީ، " އެކަމުގައި މިހާތަނަށް މި އޮފީހުންވެސް އަދި ރަސްގެފާނުގެ ވެސް ރަސްމީކޮށް އެއްޗެއް ވިދާޅުވެފައި ނުވޭ. މިޚަހަބަރެއް ފެތުރިގެން އުޅެނީ، ހަމަދު ރަސްގެފާނު ބަހްރެއިން ސިފައިގެން އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމާ ގުޅިގެން ކޮންމެވެސް ފަރާތަކުން ކުރި ޓްވީޓަކާ ގުޅިގެން،" ކަމަށެވެ.

އެހެން ނަމަވެސް އާދީއްތަދުވަހު ބަހްރެއިން ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށްފަހު ހަމަދު ރަސްގެފާނު ވިދާޅުވެފައި ވަނީ، "ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި އުނދަގޫ ދަނޑިވަޅުގައި އަޅުގަނޑުމެން އަޚްވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ޔަމަނުގެ ގާނޫނީ ސަރުކާރަށް އަލުން ބާރުތައް ހޯދައިދިނުމަށް އެގައުމުގައި ހަނގުރާމަކުރަމުންދާ ބަހްރެއިން ސިފައިންނާއެކު އަޅުގަނޑުގެ ދަރީން ޝެއިޚް ނާސިރު ބިން ހަމަދާއި ޝެއިޚް ޚާލިދު ބިން ހަމަދު ބައިވެރިވާނެ،" ކަމަށެވެ.

ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލްޚަލީފާ އެގައުމުގެ ސިފައިންގެ ކޮމާންޑަރުންނާ މީގެ ކުރިން ބޭއްވި ބައްދަލުކުރެއްވުމަކަށްފަހު -- ރޮއިޓާސް ފައިލް ފޮޓޯ: އަލް އަރަބިއްޔާ

ގުޅިފައިވާ އަރަބި ލަޝްކަރަށް އެހީތެރިވުމުގެ ގޮތުން ގަތަރުންވެސް ވަނީ އާދީއްތަ ދުވަހު 10،000 ސިފައިންގެ ލަޝްކަރެއް ސައުދީ-ޔަމަން ބޯޑަރުކައިރިއަށް ފޮނުވައިފައެވެ. މީގެ އިތުރުން އަލް އަރަބިއްޔާއިން ބުނެފައި ވަނީ، އެނޫހަށް އެނގިފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން ވެސް އެ ގައުމުން އިސްނަގައިގެން އެކުލަވާލާފައިވާ ކޯލިޝަން ލަޝްކަރުގައި ބައިވެރިވުމަށް އިތުރު 6000 ސިފައިން ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ގަލްފް އަދި އަރަބި ގައުމުތަކުން އަރަބި ގުޅިފައިވާ ލަޝްކަރު ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ގުޅިފައިވާ ލަޝްކަރުގެ އަމާޒު ޔަމަނުގެ ވެރިރަށް ސަނާގެ އިތުރުން އެގައުމުގެ ބޮޑެތި ޝަހަރުތައް ކަމަށްވާ ތާއީޒާއި މާރިބަށް ފުޅާކުރުމަށް ނިންމާފައިވާ ކަން ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން މޭޖާ ޖެނެރަލް އަހްމަދު އަސްރީ ވިދާޅުވުމާ ގުޅިގެންނެވެ.