07 Sep 2015, 22:49
އިޖްތިމާއީ ގޮންޖެހުންތައް މި ސަރުކާރުން ނަންތާލާނީ އިގްތިސާދު ރަނގަޅުކޮށްގެން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑިޒައިން އިފްތިތާހު ކުރުމަށް މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން އިޖްތިމާއީކަންކަމަށް ވުރެ އިސްކަންދެނީ އިގްތިސާދީކަންކަމަށް ކަަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށާއި އެހެންނަމަވެސް އިޖްތިމާއީކަންކަން ރަނގަޅުވާނީ އިގްތިސާދީ ގޮތުން ރަނގަޅުވެގެން ކަމަށެވެ.
"އިގްތިސާދު ވަރަށް ބަލިވެ ނިކަމެތިވެފައި އޮތްވާ އިރާދަކުރެއްވިއްޔާ އިގްތިސާދުކޮޅަށް ޖަހައިގެން އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ދުނިޔޭގެ ގޮތުން ފާހަގަކޮށްލިޔަސް ބޮޑެތި މެގަ ޕްރޮޖެކްޓްތައް،" އަދީބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދާނީ ކުރިއަށް އަދި އަޅުގަނޑުމެން އުފާކޮށް ހަވާވެސް އަރުވާނެ." އަދީބު ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލޭ އާއި ދޭތެރޭ އަޅާ ބްރިޖްގެ ފައިނަލް ޑިޒައިން އިފްތިތާހުކޮށްދެެއްވީ ނައިބު ރައީސް އަހުމަދު އަދީބާއި ޗައިނާގެ ވައިސް މިނިސްޓާ އޮފް ކޮމާސް ގައުޔެން އެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑިޒައިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތެރެއިން -- ސަން ފޮޓޯ: އަލީ ނަސީރު
ހުޅުލެއާއި މާލެއާ ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.
މާލެ-ހުޅުމާލެ ބްރިޖަކީ މި ސަރުކާރުން އެއްމެ އިސްކަންދޭ އެއް ޕްރޮޖެކްޓް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.