07 Sep 2015, 21:08
މާލެ އާއި ހުޅުމާލޭ އާއި ދޭތެރޭ އަޅާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފައިނަލް ޑިޒައިން އިފްތިތާހްކޮށްފި އެވެ.
ޑިޒައިން އިފްތިތާހުކޮށްދެެއްވީ ނައިބު ރައީސް އަހުމަދު އަދީބާއި ޗައިނާގެ ވައިސް މިނިސްޓާ އޮފް ކޮމާސް ގައުޔެން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ބުރިޖް އެޅުމަކީ ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައިވާ ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ. އެހެންނަމަވެސް ބްރިޖްގެ މަސައްކަތް ކާމިޔާބު ކަމާއި އެކު ނިންމާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
މާލެއާ ހުޅުމާލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކުރެހުމެއް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"މި ބްރިޖަކީ ވަަރަށް ތަފާތު ބްރިޖެއް،" ކަމަށް އަދީބު ވިދާޅުވި އެވެ.
ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، ސައިލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވަކި ލޭނެއް
މާލެ-ހުޅުމާލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައި ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަަމަށް ވެސް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.
ބްރިޖްގެ ފީސިބިލިޓީ އާއި ބެހޭ ގޮތުން ރައީސް ޔާމިން އާއި ސުވާލުކުުރުމުން، މި ބްރިޖަކީ ހަމައެކަނި މީހުން ޓްރާންސްޕޯޓް ކުރަން އޮތް ބްރިޖެއް ނޫން ކަމަށާއި ރާއްޖެ އަށް ދިމާވެފައިވާ ހައުސިން މައްސަލަ ފަދަ ކަންކަމުގެ ހައްލަކީ ބްރިޖް ކަަމަށް ރައީސް ވިދާޅުވި ކަަމަށް އަދީބު ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ރާއްޖެ ވަޑައިގެންނެވި އިރު ޗައިނާގެ ރައީސަށް އެންމެ މުހިއްމު ކަމަކަށް ދަންނަވަން ރައީސް ވިދާޅުވީ، ބްރިޖްގެ ވާހަކަ ކަަމަށް އަދީބު ވިދާޅުވިއެވެ.
ބްރިޖްގެ ނަމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ކަމަށް ނިންމެވީ ޗައިނާގެ ރައީސް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދީބުގެ ވާހަކަފުޅުގައި ވަނީ އިކޮނަމިކް ކައުސިލްގެ ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ޝުކުރުދަންނަވާފައެވެ.
ސެޕްޓެމްބަރ 7، 2015: މާލެއާ ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޑިސައިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު
ރައީސް ޔާމިން ކަމެއް ނިންމެވީމަ އެކަމާއިގެން ކުރިއަށްދާންޖެހޭ ކަަމަށް އަދީބު ވިދާޅުވިއެވެ.
ބްރިޖުން ފެންނަ މޮނިއުމެންޓަކީ އިސްލާމިކް މޮނިއުމެންޓެއް ކަމަށް އަދީބު ވިދާޅުވިއެވެ.
ހުޅުލެއާއި މާލެއާ ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޗައިނާގެ ވައިސް މިނިސްޓާ އޮފް ކޮމާސް ގައުޔެން ވިދާޅުވީ ޗައިނާ އާއި އަދި ރާއްޖޭން އަބަދުވެސް ވަނީ އެއްގައުމު އަނެއް ގައުމަށް އިތުބާރުކުރާނެ ކަމަށެވެ. އަދި މިއީ ކުޑަ ގައުމުކާއި ބޮޑު ގައުމަކާއި ދެމެދު އޮންނަންޖެހޭ ގުޅުމުގެ މިސާލެއް ކަަމަށެވެ.
ވީހާ ވެސް އަވަހަށް ބްރިޖްގެ މަސައްކަތް ނިމުމަކީ އުއްމީދު ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ-ހުޅުމާލެ ބްރިޖަކީ މި ސަރުކާރުން އެއްމެ އިސްކަންދޭ އެއް ޕްރޮޖެކްޓް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެވަޑައިގަތެވެ.