ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސައުދީ ސަރުކާރުން އދ.ގެ ތިން އޭޖެންސީއަކާއެކު ޖުމުލަ 54 މިލިއަން ޑޮލަރުގެ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޮނިހިރު ދުވަހު ސައުދީ ޕްރެސް އޭޖެންސީއަށް ދިން ބަޔާނެއްގައި، ދަ ކިންގު ސަލްމާން ސެންޓަ ފޯ ހިއުމަނިޓޭރިއަން އެއިޑުން ބުނެފައި ވަނީ، މި ތިން އެއްބަސް ވުމަކީ، ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.އިން ކުރި އިލްތިމާސާ ގުޅިގެން ސައުދީ ރަސްގެފާނުގެ ލަފާފުޅުގެ މަތީން ވެފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.

އެގޮތުން ވެވުނު ފުރަތަމަ އެއްބަސްވުމަކީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ޔަމަނުގެ ދަނޑުވެރީންނާއި ކާބޯތަކެތި އުފައްދާ ތަންތަން އިމާރާތްކުރުމަށް ފަށާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ވެފައިވާ 1.74 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މިހާރު ވަނީ 871,000 ޑޮލަރު ހަވާލުކޮށްފައެވެ.

މީގެ އިތުރުން ޔަމަނުގައި ސިއްހީގޮތުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނޭ ކަމަށް ބެލެވޭ ސަރަަހައްދުތަކުގައި އެހީގެ ޕްރޮގްރާމްތައް ހިންގުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއެކު ސައުދީން ވަނީ 22.2 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސައުދީން ދޭ މި އެހީތަކުގެ މަންފާ އެގައުމުގައި ހާލުގައި ޖެހިފައިބާ އެތަކެއް މިލިއަން މީހުންގެ ތެރޭން އެކިދީންތަކަށް ނިސްބަތްވާ 7.5 މިލިއަން މީހުންނަށް ތަފާތުކުރުމެއް ނެތި ފޯރުކޯށްދޭނޭ ކަމަށްވެސް ދަ ކިންގު ސަލްމާން ސެންޓަ ފޯ ހިއުމަނިޓޭރިއަން އެއިޑުން ބުނެފައި ވެއެވެ.

ސައުދީން އެހީދިނުމަށް ދެން އެއްބަސްވެފައިވަނީ، ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު (ޔުނިސެފް) އަށެވެ. އެގޮތުން ފަސް އަހަރުން ދަށުގެ ކުޑަކުދީންނާއި މާބަނޑު މީހުންނަށް އެހީތެރިވުމަށް 29.6 މިލިއަން ރުފިޔާގެ އެހީދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އޭގެ ތެރޭން 8.9 މިލިއަން ޑޮލަރު މިހާރު ދޫކޮށްފައި ވާއިރު، 2.7 މިލިއަން މީހުންނަށް މީގެ ފައިދާ ކުރާނޭ ކަމަށް ކިންގު ސަލްމާން ސެންޓަ ފޯ ހިއުމަނިޓޭރިއަން އެއިޑުން ބުނެފައި ވެއެވެ.