07 Sep 2015, 19:53
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ނިއުޒީލެންޑް ގައުމީ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް ހަމަޖައްސައިފިއެވެ.
އެފްއޭއެމްގެ މީޑިއާ އޮފިޝަލް ޝިމާޒް އަލީ މިއަދު ސަންއަށް ވިދާޅުވީ، އުމުރުން 54 އަހަރުގެ ރިކީ ހާބަޓް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ، ކުރުމުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ކަަމަށެވެ.
"ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ހެޑްކޯޗް ރިކީ ހާބަޓް ވަނީ މިއަދު ޓީމާ ގުޅިފައި. މާދަމާ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް އޭނާ އޮބްޒާވްކުރާނެ،" އެފްއޭއެމުން ބުންޏެވެ.
މިވަގުތު ޗައިނާގައި އޮތް ރާއްޖޭގެ ގައުމީ ޓީމާ ހާބަޓް ގުޅިފައި ވީ ނަމަވެސް ޗައިނާއާ ދެކޮޅަށް މާދަމާ ކުޅޭ ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުގައި ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗް އިސްމާއިލް މަހަފޫޒް (އިންމަ) ކަމަށް ވެސް ޝިމާޒު ވިދާޅުވިއެވެ.
ނިއުޒީލޭންޑުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން ސީނިއާ ގައުމީ ޓީމަށް 10 ވަރަކަށް އަހަރުދުވަހު ކުޅެދީފައިވާ ހާބަޓް ވަނީ، އޭނާ ގައުމީޓީމަށް ކުޅެދިން 61 މެޗުގައި އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
ސްޕެއިންގައި 1982 ވަނަ އަހަރު އޮތް ފީފާ ވޯލްޑްކަޕްގައި ނިއުޒީލެންޑް ގައުމީ ޓީމަށް ކުޅުނު ހާބަޓް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެޓީމަށް ކޯޗުކަން ކޮށްދީފައެވެ.
ރިކީ ހާބަޓް ނިއުޒިލެންޑުގެ ކޯޗުކަމާ ހަވާލުވީ 2005 ވަނަ އަހަރު އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަަޕަށް ނިއުޒިލޭންޑް ކޮލިފައި ނުވުމުން އޭނާ ވަނީ 2013 ވަނަ އަހަރު ކޯޗުކަން ދޫކޮށްލައިފައެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުރި ބަލްގޭރިއާ ކޯޗް ވެލިޒާ ޕޮޕޯފް މަގާމާ ހަވާލުވިތާ ހަމަސްދުވަސް ފަހުން އެ މަގާމުން ދުރުކުރުމުންނެވެ.
އެފްއޭއެމުން ބުނީ، ރިކީ ހާބަޓް ގައުމީ ޓީމާ ރަސްމީކޮށް ހަވާލުވާނީ، ޗައިނާގައި މާދަމާކުޅޭ ވޯލްޑްކަޕް ކޮލިފައިން މެޗަށްފަހު ގައުމީ ޓީމު އެނބުރި ރާއްޖެ އައުމުން ކަމަށެވެ.
ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް (ޔޫއެފާ) 'އޭ" އިންޓަނޭޝަނަލް ކޯޗިން ލައިސަންސް ހާސިލްކޮށްފައިވާ ރިކީ ހާބަޓް އެންމެ ފަހުން ކޯޗުކޮށްދީފައި ވަނީ، އިންޑިއާގެ ސުޕަ ލީގު ޓީމެއް ކަމަށްވާ، ނޯތުއީސްޓް ޔުނައިޓެޑް އެފްސީ އަށެވެ. އޭގެ ކުރިން އޭނާ ވަނީ، ނިއުޒީ ލެންޑްގެ ދެ ކްލަބެއް ކަމަށްވާ ނިއުޒީލެންޑް ނައިޓްސް އާއި ވެލިންޓަން ފީނިކްސްއަށް ވެސް ކޯޗްކަން ކޮށްދީފައެވެ.