17 Mar 2011, 12:29
މާލެ އަތޮޅުގެ ވެރިކަން ކުރާ ރަށް ބަދަލު ކުރި މައްސަލާގައި އަތޮޅުގެ ރަށްރަށުގެ އެކައުންޓްތައް ސަރުކާރުން ފްރީޒް ކުރުމުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބުރޫ އާރާފައިވާ ކަމަށް މާލެ އަތޮޅުގެ ރަށު ކައުންސިލްތަކުން ބުނެފި އެވެ.
ކައުންސިލްތަކަށް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ، ކ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށް އިއްޔެ ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ރައްޔިތުންގެ ހަރަދުގައި އަޅުގަނޑުމެންގެ ރަށަށް (ކ.ގުޅި) ކަރަންޓްގެ ހިދުމަތް މިދެނީ. އެހެން ނަމަވެސް މިހާރު އެކައުންޓްތައް ސަރުކާރުން ފްރީޒްކޮށްފައި ހުރުމުން ކަރަންޓް ގެއަށް ތެޔޮ ގަނެވޭނެ ގޮތެއް ނެތް. ދުވާލެއްގެ މައްޗަށް މުޅި ރަށަށް ކަރަންޓް ދިނުމަށް ދެތިން ހަތަރު ފީފާ އެބަ އަންދާލާ. މިހާރު ހުރީ ހަމައެކަނި 16 ފީފާ. ސަރުކާރުން ރައްޔިތުންގެ ފައިސާ އެގޮތައް ހިފަހަށްޓާފައި ވުމުން އަޅުގަނޑުމެން މާދަމާ ތިބެންޖެހޭނީ ކަޅުފޮއި އަނދިރީގައި." ގުޅީ ކައުންސިލްގެ ރައީސް އަބްދުލް ވާރިޝް ވިދާޅުވި އެވެ.
މާލެ އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުން ބުނީ އެކައުންޓްތައް ހިފަހައްޓުމުގެ ސަބަބުން މާފުށްޓާއި ގުރާއިދޫގެ ނަރުދަމާ ނިޒާމް މައްސަލަ ހައްލު ކުރުމަށް ހަރަދު ކުރަންޖެހޭ ފައިސާ ނުލިބުމާއި ދެ ރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ފައިސާ ވެސް ނުލިބި ގޮތް ހުސްވެފައިވާ ކަމަށެވެ.
ކައުންސިލަރުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މާލެ އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލަރުން ވެސް ވަނީ ކަންބޮޑުވުންތަކާ ހިތްހަމަ ނުޖެހުންތައް ފާޅުކޮށްފައެވެ.
މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އަތޮޅު ކައުންސިލަށް ކަނޑައަޅާފައިވާ ފައިސާގެ ހިފަހަށްޓާފައިވާ ކަމަށް މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އަތޮޅު ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހިފަހަށްޓާފައި ވަނީ މާލެ އަތޮޅާއި ށ. އަތޮޅުގެ ކައުންސިލް އިދާރާ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަދަލަމުންދާތީ ކަމަށް ވެސް އެއިދާރާއިން ފޮނުވި ލިޔުމެއްގައި ބުނެފައިވާ ކަމަށެވެ.
މާލެ އަތޮޅުގެ ރަށްރަށް މި މައްސަލަ ދިމާވެފައިވާއިރު ސަރުކާރުން އެކައުންޓްތައް ފްރީޒު ކުރުމުން ށ. އަތޮޅުގެ ރަށްރަށް ވެސް ވަނީ އާންމު އަސާސީ ހިދުމަތްތައް ދިނުމުގައި މައްސަލަތައް ކުރިމަތިވެފަ އެވެ.