07 Sep 2015, 19:15
ޔަމަނަށް އަތް ގަދަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ޝިއަޢީންގެ ހޫތީ ޖަމާޢަތާ ދެކޮޅަށް ސައުދީ ޢަރަބިއާއިން އިސްވެ ޔަމަނުގައި ކުރިއަށްގެންދާ ހަމަލާތަކުގައި އެހީތެރިވުމަށް ގަތަރުން 1000 އެއްގަމު ސިފައިން ފޮނުވާފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި އެވެ.
ޔަމަނުގެ މާރިބް ޕްރޮވިންސަށް ދަތުރުފަށާފައިވާ ސިފައިންގެ އެ ލަޝްކަރާއެކު ގަތަރުން 200 އަށްވުރެއް ގިނަ ހަތިޔާރުއެޅި ވެހިކަލާއި 30 އަސްކަރީ ހެލިކޮޕްޓަރު ވެސް ފޮނުވާފައިވާ ކަމަށް ވެސް ސައުދީއާ ޔަމަނު ގުޅޭ ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިން މައުލޫމާތުދެ އެވެ.
ސައުދީ އަރަބިއްޔާގެ އަލް ހަޔަތު ނޫހުން ބުނާގޮތުން، ގަތަރުގެ ލަޝްކަރާއެކު ސައުދީން ވެސް ވަނީ އެގައުމުގެ އެލީޓް ފޯސްގެ ގިނައަދަދެއްގެ ސިފައިން ޔަމަނުގެ މާރިބަށް ފޮނުވާފައެވެ.
ޔަމަނު ހަނގުރާމައިގައި ބައިވެރިވުމަށް ގަތަރުން ވަރުގަދަ އެއްގަމު ލަޝްކަރެއް ފޮނުވާފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހޫތީ ހަނގުރާމަވެރިން ވަނީ ބަދަލުހިފުމުގެ މިސައިލް ހަމަލާއެއްގައި ގަލްފުގެ 60 ސިފައިން މަރާލާފައެވެ. މިއީ ސައުދީ ކޯލިޝަނާ ދެކޮޅަށް ހޫތީން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.
އޭގެ ރައްދުގައި ސައުދީއާ ގުޅިފައިވާ ކޯލިޝަނުން އިއްޔެ ވަނީ ހޫތީ ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް ޔަމަނުގެ ވެރިރަށް ސަނާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ހޫތީ ޖަމާޢަތާ ދެކޮޅަށް ސައުދީއާ ގުޅިފައިވާ ކޯލިޝަނުން ވައިގެ ހަމަލާތައް ދެމުންގެންދާތާ ހަ މަސް ވެފައިވާއިރު، އިއްޔެ ދިން ހަމަލާއަކީ މިހާތަނަށް ހޫތީ ޖަމާޢަތާ ދެކޮޅަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.
މާޗްމަހު 25 ވަނަ ދުވަހު ދޭން ފެށި މިހަމަލާތަކަކީ ޔަމަނުގައި އޮތް އެޤައުމުގެ ރައީސް ޢަބްދު ރުއްބުހު މަންސޫރު ޢަބްދުލް ހާދީގެ ސުންނީ ސަރުކާރާ ދެކޮޅަށް ނިކުތް މައިނޯރިޓީ ޝިއައީ ހޫތީ ޖަމާޢަތުގެ ބާރު ކަނޑުވާލުމަށް ސައުދީ ޢަރަބިއްޔާއާ ގުޅިފައިވާ ޢަރަބި ޤައުމުތަކުގެ އަސްކަރީ ގުޅުމުން ދޭން ފެށި ހަމަލާތަކަކެވެ.
އދ. އިން ބުނާގޮތުން ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރުއޮތް ޔަމަނުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 4500 އަށްވުރެއް ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުށެއް ނެތް ކުޑަކުދިންނާއި އާއްމުންނެވެ.
މައުލޫމާތު: އަލްޖަޒީރާ