މިއަހަރުގެ މާޗް މަހުގެ ތެރޭގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މީހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ނިންމާލާފައި ވަނިކޮށް އާ ގާނޫނުލް އުގޫބާތުގެ ދަށުން އިތުރު އަޑުއެހުމެއް ބާއްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ކުރި އެ މުޒާހަރާއާ ގުޅިގެން 15 މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.

އާ ގާނޫނުލް އުގޫބާތުގެ ދަށުން އެކުށަށް ކަނޑައެޅޭ އަދަބުތަކާ ބެހޭގޮތުން ވާހަކަދައްކަން އެންމެ ފުރަތަމަ ފުރުސަތު އަރުވާފައި ވަނީ ދައުލަތަށެވެ.

ދައުލަތުގެ ވަކީލު ހައިލަމް އަހްމަދު ވިދާޅުވީ، ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން އުފުލާފައިވާ އެ ދައުވާ، އާ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާއަށް ފެތޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އާ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގައި ވަނީ "ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތް ކުރުމަށް ހުރަސްއެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަގުސަދު ހާސިލުވިޔަ ނުދިނުމަކީ ކުށެއް ކަމަށެވެ.

އަދި ހަމަ އެ މާއްދާގައި ހުއްދަ ނޫން އަމަލެއް ކުރުމަކީ މާނާކަމެއް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެމީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "ސުލްހަވެރިކަމާ އެއްކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގައި އެއާޕޯޓުގައި މުޒާހަރާ ކުރެވޭނީ ދައުލަތުގެ ކަމާ ބެހޭ ފަރާތެއްގެ ހުއްދަ ހޯދައިގެން ކަމަށް ބަޔާންކޮށްފައި ވަނިކޮށް އެފަދަ ހުއްދައެއް ނުހޯދައި މުޒާހަރާކޮށްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެމީހުންނަށް ދޭންޖެހޭ އަދަބު އާ ގާނޫނުލް އުގޫބާތުގެ ދަށުން ބޮޑުވާނެ ކަމަށެވެ. ސަބަބަކީ އެ މުޒާހަރާ އަކީ ދުރާލާ ރާވައިގެން ކޮށްފައިވާ މުޒާހަރާއެއް ކަމުގައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން އެމީހުންނަށް ކުރި ދައުވާގެ އަދަބަކީ ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 150 ރުފިޔާ އިން ޖޫރިމާނާ ކުރުމެވެ.

އެ މީހުންގެ ދިފާއީ ވަކީލު އަހްމަދު ނާޒިމް ވިދާޅުވީ ކުރީގެ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެމީހުންނަށް ނުދެވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން ވަކީލަކު ހަމަޖައްސާފައިނުވާ ގ. ދުވާފަރު އާއިޝަތު މަމްދޫހާ ބުނީ އޭނާ މުޒާހަރާއަށް ދިޔައީ އެއީ މަނާކަމެއްކަން ކުރިން އެނގިހުރެ ނޫން ކަމަށެވެ. އަދި އޭނާއަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދެއްވުމަށް އެދިފައެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ. ދައުވާ ލިބޭ 15 މީހުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާ ވަނީ ޝަރީއަތަށް ހާޒިރުކުރެވޭގޮތް ނުވެފައެވެ.

ކުރިން މި މައްސަލަ ބެއްލެވީ ގާޒީ ސުޖާއު އުސްމާނެވެ. ނަަވެސް އޭނާ ހައިކޯޓަށް ބަދަލުކުރެއްވުމުން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަހްމަދު ރަޝީދެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ ދެންއޮންނަ ޝަރީއަތެއްގައި އޮންނާނީ އެމީހުން ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށެވެ. އަދި ކުށްވެރިނުވާނަމަ އެދުވަހު ހުކުމް އިއްވާނެ ކަމަށާއި ކުށްވެރިވާނަމަ ހުކުމް އިއްވާނީ އެހެން ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.