07 Sep 2015, 17:31
ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ދަރިވަރުންގެ ސައިންސުގެ އުފެއްދުންތައް ދައްކުވައިދޭ ފުރަތަމަ ގައުމީ ސައިންސް ފެއާ ކުއްލި ގޮތަކަށް ނިންމާލައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެއާ ކުއްލި ގޮތަކަށް ނިންމާލަން ޖެހުނީ މިރޭ ރާޅުގަނޑު ސަރަހައްދުގައި އޮންނަ ރަސްމިއްޔާތަކާ ގުޅިގެންނެވެ.
ބްރިޖް ޑިޒައިން އިފްތިތާހު ކުރުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ރާޅުގަނޑު ސަރަހައްދު އެއްކޮށް ބަންދު ކުރާނެއެވެ. އެއާއެކު ރާޅުގަނޑުން ފެށިގެން އަމީނީމަގުން ދަރުބާރުގެއާ ހިސާބަށްވެސް މިރޭ މަގުތައް ބަންދުކުރާނެއެވެ.
މިނިސްޓްރީން ސަން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދަރުބާރުގޭގައި ކުދިންގެ ހުނަރުވެރިކަމާއި އުފެއްދުންތައް ދައްކުވައިދޭ ސްޓޯލްތައް މިހާރު ނަގާފައިވާ ކަމަށެވެ. އެއާއެކު ދަރުބާރުގެ އެއްކޮށް ހުސްކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އިސްކަންދަރު ސްކޫލުން ކޮލަބޮރޭޓު ކޮށްގެން އިއްޔެ ފެށި ފެއާގައި 26 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ފެއާގައި މާލޭގެ 15 ސްކޫލަކުން ބައިވެރި ވެފައިވާއިރު އަތޮޅުތަކުގެ 11 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.
ފެއާގައި ސްކޫލުތަކުން ޖުމްލަ 451 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސައިންސްގެ ތަފާތު 58 ޕްރޮޖެކްޓެއް އެ ފެއާގައި ވަނީ ހުށަހަޅާފައެވެ.