17 Mar 2011, 11:48
ނިޔުޔޯކް : ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ގައްޒާފީގެ ބާރުތަކާދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އދ. ސެކްރެޓަރި ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފިއެވެ.
ބާންކީ މޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ދެފަރާތުގެ މިކުރިމަތިލުންތަކުގެ ސަބަބުން އަހްލީ ހަނގުރާމައަކަށް ލީބިޔާ ވެއްޓެމުންދާތީ ލީބިޔާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާއި މުސީބާތްތައް ކުރިމަތިވަމުންދާ ކަމުގައެވެ.
މިކަމާބެހޭ ގޮތުން ގައްޒާފީގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މުސާ ކޫސާއާ ވެސް ފޯނުން ގުޅުއްވައި ހަނގުރާމަ ހުއްޓާލުމަށް ބާންކީ މޫން ވަނީ އެދިވަޑައިގެންފައެވެ. ގައްޒާފީގެ ބާރުތަކުން މިހާރު ގެންދަނީ އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައިވާ ލީބިޔާގެ އިރުމަތީ ރައްތައް ހިފުމަށް މަސައްކަތްކުރަމުންނެވެ. މިހާތަނަށް އިރުމަތީގެ ތިންރަށަކާއި ހުޅަނގުގެ ޒާވިޔާއާއި ޒުވާރާވަނީ ގައްޒާފީގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މިހަނގުރާމައިގާ ލީބިޔާގެ އާންމުންނާއި ދެފަރާތުގެ ހަނގުރާމަވެރިންދަނީ ގިނަ ޢަދަދަކަށް މަރުވަމުންނެވެ. ގައްޒާފީގެ ބާރުތަކުން މިހާރު އެންމެ ބޮޑު މަސައްކަތެއް ކުރަމުން ގެންދަނީ ބެންޣާޒީގެ ކައިރީގައިވާ ބޮޑު ރަށެއްކަމަށްވާ އަޖްދާބިޔާ ހިފުމަށް މަސައްކަތްކުރަމުންނެވެ. މިރަށަށް އިއްޔެވެސް ބޮމާއި ބޮޑުބަޑިން ޙަމަލާތައް ދިންކަމަށްވެއެވެ.
އަނެއްކޮޅުން އދ. ގެ ސަލާމަތީ މަޖިލީހުން ގެންދަނީ ލީބިިޔާގެ ވައިގެ ސަރަޙައްދުގައި އުދުހުން މަނާކުރާ ސަރަޙައްދެއް ޤާއިމްކުރުމާބެހޭ ޤަރާރެއްގެ ދެލިކޮޕީއާބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ.
ނަމަވެސް މިމައްސަލާގައި ޗައިނާ އާއި ރަޝިޔާ ފަދަ ބޮޑެތި ބައެއް ޤއުމުތަކުގެ ޚިޔާލުތަފާތުވެފައިވެއެވެ. -- އަލްޖަޒީރާ