07 Sep 2015, 17:28
ލަންޑަން (ސެޕްޓެމްބަރު 7): އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް އަހަރުން އަހަރަށް އިތުރުވަމުންދާކަމަށާއި 2013 ވަނަ އަހަރާ އަޅައިބަލާއިރު 2014 ވަނަ އަހަރު މިފަދަ ޖަރީމާތައް 70 އިންސައްތައަށް އިތުރުވެފައިވާކަން ކަމާބެހޭ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ބަލައި މޮނިޓަރކުރާ ޖަމްއިއްޔާ އެއްކަމަށްވާ "ޓެލްމާމާ" ޖަމްއިއްޔާއިން ބުނީ ހަރުކަށި ވިސްނުން ގެންގުޅޭ އިނގިރޭސިވިލާތުގެ ޣައިރު މުސްލިމުންގެ އުނދަގުލާއި ޖެއްސުންކުރުންތައް އެންމެ ބޮޑަށް ކުރިމަތިވަނީ މުސްލިމް އަންހެނުންނަށެވެ. ޚާއްސަކޮށް މޫނު ބުރުގާ އަޅައިގެން އުޅޭ މުސްލިމް އަންހެނުންނަށެވެ. މިފަދަ މުސްލިމް އަންހެނުންނަށް ކުރިމަތިވާ ގޯނާތަކުގެ ތެރޭގައި އަނގަބަހުން ޖެއްސުންކުރުމާއި ހުތުރުބަސްތަކުން މުޚާތަބުކުރުމުގެ އިތުރުން މަގުމަތީގައި ހިނގާފައިދާއިރު ބިރުދެއްކުންފަދަ ގޯނާތައް ހިމެނެއެވެ.
މިފަދަ ގޯނާތައް ލިބޭ މުސްލިމް އަންހެނުންނަކީ އިނގިރޭސި ރައްޔިތުންކަމަށްވިޔަސް އެމީހުން އެކަން ފުލުހުންނަށް ރިޕޯޓް ނުކުރާކަމަށާއި އަދި ރިޕޯޓްކުރިޔަސް އެކަންކުރަނީ ވަރަށް މަދުއަންހެނެއްކަމަށް "ޓެލްމާމާ" ޖަމްއިއްޔާއިން ބުނެއެވެ. މިފަދަ ގޯނާތަކުގެ ރިޕޯޓް ފުލުހުންނަށް ނުކުރަނީ ރިޕޯޓްކޮށްފިނަމަ ފަހުން ކުރިމަތިވާނެ އުނދަގުލާއި ދުއްތުރާތައް މާބޮޑުވާނެކަމަށް ބެލެވިގެންކަމަށްވެސް އެޖަމްއިއްޔާއިން ބުނެއެވެ.
އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންގެ ގިނަމީހުންނަކީ މުސްލިމުންނަށާއި އިސްލާމްދީނަށާއި އަދި މުސްލިމުންގެ ޘަގާފަތަށް އިޙްތިރާމް ކުރާމީހުންނެވެ. ނަމަވެސް އިނގިރޭސީންގެ ތެރޭގައި މުސްލިމުންނާ އަދި އިސްލާމް ދީނާމެދު ހަސަދައާއި ޒާތީ ތައައްސުބު ގެންގުޅޭމީހުން މަދުންނަމަވެސް އުޅެއެވެ. އަދި އިނގިރޭސިވިލާތުގައި އިސްލާމް ދީން ފެތުރި މުސްލިމުންގެ އަދަދު ގިނަވެފައި ނަސާރާއިންގެ އަދަދު ދަށަށްދާތީ ކަންބޮޑުވާ އަލްޓްރާ ނެޝަނަލިސްޓް ފިކުރުގެ މީހުންވެސް ތިބެއެވެ. މިފަދަ ހަރުކަށި ފިކުރުތަކުގެ މީހުން މުސްލިމުންނާ އަދި އިސްލާމް ދީނަށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގަމުން ގެންދެއެވެ. މިގޮތުން މިފަދަ ހަރުކަށި ފަރާތްތަކުން އިންގިރޭސިވިލާތުގެ މިސްކިތްތަކަށް އޫރުގެ ލޭއެޅުންފަދަ އަދި ކަތިލާފައިވާ އޫރުގެ ބޯ ލުން ފަދަ ގޯނާތައް ކުރަމުން ގެންދެއެވެ.
ރިޕޯޓްތައް ބުނާގޮތުން ލަންޑަންގެ ހުޅަނގު ދެކުނުގެ ހިސާބުތަކުގައި އެކަނިވެސް މުސްލިމުންނަށް ގޯނާކުރުމުގެ 253 ހާލަތެއް 2014 ވަނަ އަހަރު ރިޕޯޓްކޮށްފައިވެއެވެ. (ބީބީސީ)