މީޑިއާނެޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި "ސޮނީ ކިކްސް"ގެ ނަމުގައި ކުޅިވަރު ޗެނަލެއްގެ އިތުރުން އާ ދެ ޗެނަލެއް ލޯންޗުކޮށްފި އެވެ.

މިއަދު މީޑިއާ ނެޓުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ސިމާނާ އިސްމާއިލް ވިދާޅުވީ ސޮނީ ކިކްސްގެ އިތުރުން މިއަދު ތައާރަފުކޮށްފައި ވަނީ "ޒީ ލިވިން އެޗްޑީ" އާއި "ކޮމެޑީ ސެންޓްރަލް" އެވެ.

ސޮނީ ކިކްސް އަކީ އެންމެ މަގުބޫލު ފުޓުބޯޅަ ލީގުތައް ދެއްކުމަށް ފަރުމާ ކޮށްފައިވާ ޗެނަލެކެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި ޔޫރަޕިއަން ކޮލިފައިން ފަދަ ލީގުތައް ފެނިގެން ދާނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ. ސޮނީ ކިކްސް މިހާރު މީޑިއާ ނެޓުގެ ސްޕޯޓްސް ޕްލަސް ޕެކޭޖުގެ ޗެނަލް ނަމްބަރު 307 އިން ފެންނާނެ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ.

ސިމާނާ ވިދާޅުވީ މިއަދު ދެން ތައާރަފުކުރި ދެ ޗެނަލަކީ އެޗްޑީ ޗެނަލް ކަމަށާއި ޕްރީމިއަމް އެޗްޑީ ޕެކޭޖުގެ ކަސްޓަމަރުންނަށް އެ ޗެނަލުތަށް އެއްވެސް އިތުރު ފީއަކާ ނުލާ ދޫކުރާނެ ކަމަށެވެ.

ޒީ ލިވިން އަކީ ސިއްހަތާއި ވެލްނެސް އާއި ބިއުޓީ އާއި ރެސިޕީސް ދެއްކުމަށް ތައްޔާރުކޮށްފައިވާ ޗެނަލެއް ކަމަށް ސިމާނާ ވިދާޅުވިއެވެ. އަދި ކޮމެޑީ ސެންޓްރަލް އަކީ އާއިލާގެ ހުރިހާ އެންމެން އެކީ ތިބެ ބަލާލުމަށް ރަނގަޅު ޗެނަލެއް ކަމަށް އޭނާ ވިދާޅުވި އެެވެ. އޭނާ ވިދާޅުވީ އެ ޗެނަލުން މުނިފޫހި ފިލުވާ ފަދަ މަޖާ އެތައް ޕްރޮގްރާމްތަކެއް ދައްކާނެ ކަމަށެވެ.