07 Sep 2015, 17:55
ދެމަފިރިންނަށް ލިބޭ ދަރިންގެ ސިފަ ލަފާ ކުރުމާއި ތުއްތު ކުއްޖާ ބޮޑުވުމުން ހުންނާނެ ގޮތް ލަފާ ކޮށްދޭ ސޮފްޓްވެއާއެއް ދިވެހި ސައިންޓިސްޓެއް ކަމަށްވާ ޕްރޮފެސަރު ހަސަން އުގައިލް އުފައްދަވައިފި އެވެ.
އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން ބުނެފައިވަނީ އުގައިލު އުފެއްދި ސޮފްޓްވެއާ އަކީ ހަގީގަތުގައި މީހުން ގިނަ ސަރަހައްދުތަކުން ޓެރަރިސްޓުން ހޯދުމަށް ތައްޔާރު ކުރި ސޮޕްޓްވެއާއެއް ކަމަށެވެ. އެހެން ނަމަވެސް މަޝްހޫރު ބޭފުޅުންގެ ދަރިން މުސްތަގުބަލުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭގޮތް ވަނީ އެ ސޮފްޓްވެއާ ބޭނުން ކޮށްގެން ބަލާފައެވެ. އޭގެ ތެރޭގައި ޕްރިންސް ޖޯޖް އޮފް ކެމްބްރިޖް އާއި ޕްރިންސެސް ޝާލޮޓް އާއި ޑޭވިޑް ބެކަމްގެ އެންމެ ހަގު ދަރި ހާޕާ ބެކަމް އަދި ސައިމަން ކޮވެލްގެ ދަރިފުޅު އެރިކް ކޮވެލް ހިމެނެއެވެ.
ބްރެޑްފޯޑް ޔުނިވާސިޓީގެ ސެންޓަ ފޮ ވިޒުއަލް ކޮމްޕިއުޓިންގެ ހެޑް އުގައިލު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ސޮފްޓްވެއާ އާންމުންނަށް ބޭނުން ކުރެވޭނެ ފަދަ އެޕްލިކޭޝަނެއްގެ ގޮތުގައި ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
އުގައިލު ވިދާޅުވީ، އެ ސޮފްޓްވެއާއަކީ 80 ޕަސެންޓް ކާމިޔާބު ރޭޓު ނަތީޖާއެއް ނެރެދޭ ސޮފްޓްވެއާއެއް ކަމަށެވެ.
އެގޮތުން މަޝްހޫރު ފަރާތްތަކުގެ ދަރިންތައް ތުއްތު އިރުގެ ފޮޓޯއެއް ބޭނުން ކޮށްގެން އެކުދިން ބޮޑުވެ ހަތް އަަހަރާއި 20 އަހަރާއި 40 އަހަރު އަދި 60 އަހަރު ވުމުން ހުންނާނެ ގޮތް ވަނީ ލަފާކޮށްފައެވެ.
އެ ސޮފްޓްވެއާ އަކީ ދެ ގޮތަކަށް ބޭނުން ކުރެވޭނެ ސޮފްޓްވެއާއެއް ކަމަށް އުގައިލު ވިދާޅުވިއެވެ. އެއީ އުމުރުން ދުވަސް ވީމަ ހުންނަ ގޮތުގެ އިދިކޮޅަށްވެސް އެ ބޭނުން ކުރުމެވެ. ޑީއޭޖިން ކުރުމުގެ ގޮތުން މަޝްހޫރު ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީގެ ތަސްވީރެއް ވަނީ ބޭނުން ކޮށްފައެވެ. ނަތީޖާ ލިބުނީ އޭނާ ކުޑައިރު ހުރި ގޮތާ ވަރަށް ވައްތަރު ގޮތަކަށް ކަމަށް އުގައިލު ވިދާޅުވިއެވެ.