17 Mar 2011, 11:30
ރައީސް ނަޝީދު 2009 ވަނަ އަހަރުގެ މޭމަހުގެ ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ގައުމަށް ބޮޑު ހަބަރެއް ދެއްވި އެވެ. ރާއްޖޭގައި ޑްރަގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ހަ ޑީލަރަކު ރާއްޖޭގައި އުޅޭ ވާހަކަ އެވެ. ސިފައިންގެ އެންމެ އިސްވެރިޔާގެ މި މޭރުމުން ވާހަކަފުޅު ދެއްކެވުމުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ތޯ އެވެ؟ ނޫނީ ތާއީދު އިތުރު ކުރެއްވުމުގެ ސްޓަންޓެއް ތޯ އެވެ؟
ކޮންމެ ގޮތަކަށް ކަންއޮތަސް ރައީސް އެހެން ވިދާޅުވިތާ އެއް މަސް ފަހުން 2009 ވަނަ އަހަރުގެ ޖުލައި މަހުގައި ރައީސް ވިދާޅުވި މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭ ހިމެނޭ އާދަމް ނަސީރު ވަނީ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާ އެކު ހައްޔަރުކޮށްފަ އެވެ. އަދި އޭޕްރީލް 16 ވަނަ ދުވަހުވެސް ވަނީ އެ ތުހުމަތު ކުރާ ހ. ރެހި ހުސެއިން މުހައްމަދު މަނިކު އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ދެ މީހުން ކުރެ އެއްވެސް މީހެއްގެ މައްޗަށް ކުއްސާބިތުނުވެ މިނިވަން ވެފައި ވާކަމެވެ.
ފަހުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ޒުހެއިރު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަނިކޮށް އެ ހަ މީހުން ކުރެ ބަޔަކު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފި ކަމަށެވެ. އެހެންނަމަވެސް ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހެއް ކަމަށް ބުނޭ ދޭތެރެ ދޭރެއިން ފުލުހުން މީހަކު ހައްޔަރުކޮށް އާންމުކުރެއެވެ. މިދިޔަ ހޮނިހިރު ދުވަހަކީ ވެސް އޭގެ ދުވަހެކެވެ. މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔާފާރި ކުރަމުން އަންނަ އެއް ޑީލަރު ކަމަށް ތުހުމަތު ކުރެވޭ މީހާ ކަމަށް ބުނެ ފުލުހުން ވަނީ މާލޭ ދަފުތަރު، މުހައްމަދު ރަޝީދު އަބުދުލް ބާގިރު 50، އެންމެ 100 ގްރާމްގެ މަސްތުވާތަކެއްޗާ އެއްކޮށް ހައްޔަރު ކޮށް އާންމުކޮށްފަ އެވެ.
މިއީ ހަ ޑީލަރުންގެ ތެރެއިން މީހެއް ކަމަށް ފުލުހުން ނުބުންޏަސް އެއީވެސް އޭގެތެރެއިން މީހެއް ކަމަށް ގަބޫލުކުރާނެ ޖާގަ އެބައޮތެވެ. ސަބަބަކީ ފުލުހުން ބުނާ ގޮތުން އެއީ ވެސް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ހިންގާ މީހެކެވެ.
ރައީސް ނަޝީދު ކުރިން ވިދާޅުވި ހަ މީހުންގެ ލިސްޓް މި ވީ ދުވަސްކޮޅުގެ ތެރޭގައި ހަ ގުނައަށް އިތުރުވެ ލިސްޓް ދިގުވުމަކީވެސް ވެދާނެ ގޮތެކެވެ. ކުށްތައް ވެސް ޑިވެލޮޕްވެ ފުޅާވަމުން އަންނާތީ އެވެ. ފުލުހުން ވެސް ގަބޫލު ކުރާ ހަމައަކީ އެއީ އެވެ. އެހެން ކަމަށް ވާނަމަވެސް އެއީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީގެ ރީނދޫ މެނިފެސްޓޯގައި ބުނާ ގޮތަށް ދިމާ އިދީކީލި ގޮތަކަށް މަސްތުވާތަކެތީގެ ދޮރުތައް ހުޅުވެމުން ދިއުމެވެ.
"ރައީސް ނަޝީދު ވިދާޅުވި ބޮޑު ހަ މީހުން ހައްޔަރުކޮށްގެން އަދި މިކަމެއް (މަސްތުވާތަކެތީގެ މައްސަލަ) ނުހުޓުވޭނެ. އަދި އިސް މީހުން ހައްޔަރުކުރާ ވަރަކަށް އިސް މީހުން އުފެދެމުން ދާނެ،" ހެޑް އޮފް ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާހު ވިދާޅުވި އެވެ.
ކިތަންމެ ބަދަލެއް އަޔަސް އެއް ކަމެއް އެނގެ އެވެ. އަދާ ޖެހެންދެން ވެސް ރައީސް ވިދާޅުވި ނުރައްކާތެރި "ހަ ޑީލަރުން" ހައްޔަރެއް ނުވެ އެވެ. މިކަމުން ފުލުހުންގެ އިންޓެލިޖެންސް ލޯތަކާއި އޮޕަރޭޝަންތަކާއި ތަހުގީގުތަކާމެދު ސުވާލެއް ނޫފެދޭ ހެއްޔެވެ؟ ހަމައެއާއެކު އާންމު ރައްޔިތުންގެ ހިއްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ފުލުހުންވެސް އަދި ސަރުކާރުގެ އިދާރާތަށްވެސް ވަނީ ހަމަހިމޭން ވެފަ އެވެ. އެ ހަމަ ހިމޭންކަމުގައި ފަހަތުގައި ކިތަންމެ ކަމެއް ފޮރުވިފައިވާނެ އެވެ. އެއް ކަމަކަށް ވާނީ އެއީ ޑްރަގް ޑީލަރުންގެ ނެޓްވޯކްތަކުގެ މޫލާފައި ހުރި ހިސާބު ދެނެގަތުމަށް ފުލުހުން ނުކުޅެދުމެވެ. ނޫނީ ރައީސް ނަޝީދު، އޭރުގެ ޖަޒުބާތުގެ ތެރޭގައި އިތުރުފުޅެއް ހެއްދެވީ އެވެ. އެއީ އެ މަނިކުފާ ހެއްދެވި "ވަރަށް ސާފު ތެދެއް" ނަމަވެސް ދެ އަހަރު ކުރިން ވިދާޅުވި ލިސްޓަށް އަދި މީހަކު ހައްޔަކުރެވި ކުށް ސާބިތެއް ކުރެވިފައެއް ނުވެއެވެ. މިހާތަނަށް ވެފައި ވަނީ ހަމައެންމެ ކަމެކެވެ. ދޭތެރެއަކުން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނުމެވެ. މިހަގީގަތް ފެންނަން އޮތަސް މީގެ މާނައަކީ ޑްރަގްގެ ނެޓްވޯކުތަކުގެ މުގުލުގައި ރައީސް ވިދާޅުވާފަދަ ބޮޑުންތަކެއް ނެތުމެއް ނޫންވެ.