ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އަދި ޖެރެޑް ގެންސާ އަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީ އަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން އެ ޕާޓީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވަނީ އެއާޕޯޓަށް ގޮސްފަ އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމު ރާއްޖެ އައިސް ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަދީބާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަމާލް ކުލޫނީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ސަން ފޮޓޯ/ ކިޔުންތެރިއެއް

ރައީސް ޔާމީނާއި ނައިބު ރައީސް އަދީބުގެ އިތުރުން އެޓާނީ ޖެނެރެލް މުހައްމަދު އަނިލް އާއި ފޮރިން މިނިސްޓަރު ދުންޔާ މަޢުމޫނާއި ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރެލު މުހުތާޒު މުހުސިނާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެދިފަ އެވެ.

ހަމައެއާ އެކު މާފުށީ ޖަލުގައި ރައީސް ނަޝީދާ ބައްދަލުކުރުމަށް ވެސް ގާނޫނީ ވަކީލުންގެ ޓީމުން އެދިފައިވާ ކަމަށާއި އެހެންކަމުން އެކަމަށް އެދި ހޯމް މިނިސްޓަރު އުމަރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.

ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމު އެނބުރި ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ވެސް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ. އެ މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާކޮށް އަދި ހުކުމް އިއްވާފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.