07 Sep 2015, 16:07
މި ދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ދިވެހި ރާއްޖޭގެ ކުޅިވަރު ބިލް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަޞްދީގު ކުރައްވައިފި އެވެ.
ދިވެހި ރާއްޖޭގެ ކުޅިވަރު ބިލަކީ ދިވެހި ރާއްޖޭގެ ކުޅިވަރު ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކުރިއަރުވައި، ޒަމާނީ ފެންވަރުގައި ދިވެހިރާއްޖޭގައި ގައުމީ ކުޅިވަރު މަޖިލީހާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ޤާއިމުކޮށް ރެގިއުލޭޓްކޮށް، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ ގާނޫނެވެ.
އެ ގާނޫނުގެ މައިގަނޑު މަގުޞަދަކީ ބައިނަލްއަޤްވާމީ، ޤައުމީ އަދި ރަށު ފެންވަރުގައި ވާދަވެރި ކުޅިވަރާއި ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އެކަންކަމުގެ ތެރެއިން އެންމެންގެ ބައިވެރިވުމުން މުޅި ގައުމު ތަރައްގީ ކުރުމަށާއި ހުރިހާ އުމުރުފުރާގެ މީހުންގެ އާންމު ދިރިއުޅުން މުއްސަނދި ކުރުވުމަށް މަގުފަހި ކުރުވުމަށް ބޭނުންވާ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކޮށް ތަރުތީބުކުރުމެވެ.
އެ ބިލު ތަޞްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފަ އެވެ.