17 Mar 2011, 10:17
ދާދި ފަހުން ރާއްޖޭގެ މާކެޓަށް ތައާރަފު ކުރި އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސްގެ ބޯޓް ހޮންކޮންގަށް އުދުހެނިކޮށް އެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބޯޓު ހޮންކޮންގެ އެއާޕޯޓުގައި ތާށިވެއްޖެ އެވެ.
މެގަ މޯލްޑިވްސްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ އެ ކުންފުނީގެ ބޯޓު ބޮއިން 767 އިއްޔެ ހޮންކޮންގަށް އުދުހެނިކޮށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ބޯޓުން ހޮންގޮންގަށް ޓޫރިސްޓުން ދަތުރު ކުރި ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ޓޫރިސްޓުންނެއް ކަމެއް އަދި ދިމާވީ ކޮން މައްސަލައެއް ކަމެއް ވެސް އޭނާ ވިދާޅެއްނުވި އެވެ.
"އަޅުގަނޑުމެންގެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ހޮންކޮންގައި ބޯޓު އޮތީ. އެކަން ހައްލުކުރަން މަސައްކަތް ކުރަމުން މި ދަނީ. އަދި މައްސަލަ ހައްލުވިހާ އަވަހަކަށް ފުރޭތޯ މަސައްކަތް ކުރަމުން މިދަނީ. އަދި އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ގަމުން ހޮންކޮންގަށް އުދުހުނު ބޯޓު ހޮންކޮންގަށް ޖެއްސި އިރު ވަނީ، ބޯޓްގެ ފިޔުސްލާޖު [ބޭރު ތޮށިގަނޑު[ން ބައެއް ނެއްޓި، ބޯޓާ ވަކިވެފަ އެވެ. ނަމަވެސް ބޯޓު ފޯދާވަރަށް ތޮށިގަނޑު ނުނެއްޓޭ ކަމަށްވެ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު އެއާ އޮޕަރޭޓިން ސެޓްފިކެޓް [އޭއޯސީ] ލިބުނު މެގަ މޯލްޑިވްސް އިން ވަނީ ޗާޓަރު ދެ ދަތުރެއް މާލެ އާއި ގަމާ ދެމެދު މީގެ ކުރިން ކޮށްފަ އެވެ.