ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހަލާ ހަމީދުގެ މަގާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަށް ކުރައްވައިފި އެވެ.

ޕޮލިސް އިންޓަގްރިޓީގެ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރިން ކުރައްވާފައިވާ ހާލާ ހަމީދުގެ މަގާމު ދަށްކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ.

ހާލާގެ މަގާމު ދަށްކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވަނިކޮށް، ފޮރިން މިނިސްޓްރީއަށް އެކަމަނާ ބަދަލު ކުރެއްވުމުންނެވެ.

ހަލާ "ސަން"އަށް ވިދާޅުވީ އެކަމަނާ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރެއްވީ އޭނާގެ އެދިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް މަގާމު ބަދަލު ކުރެއްވި ސަބަބާ ގުޅޭ ގޮތުން ހަލާ އެއްޗެއް ވިދާޅެއްނުވެ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރައީސްގެ ނިންމުމަކީ އެކަމަނާގެ މަގާމު ދަށްކުރެއްވުމަށް ނިންމެވި ކަމެއް ނޫން ކަމަށެވެ.

"އެއް ވުޒާރާ އިން އަނެއް ވުޒާރާއަށް ބަދަލު ކުރާއިރު، އެ ބޭފުޅުން މަގާމު ދެއްވާނީ އެކި ފެންވަރުގައި. ފޮރިން މިނިސްޓްރިގެ މަގާމުތަކަކީ އެފަދަ ފެންވަރުގެ މަގާމުތަކަކަށްވުމުން އ ެމަގާމު އެކަމަނާއަށް ދެއްވީ. ގަސްތުގައި އެކަމަނާ ޑީމޯޓް ކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމެއް ނޫން މިއީ،" ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ވިދާޅުވި އެވެ.

އޭނާގެ ސިޔާސީ މަގާމު ދަށްކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ހާލާގެ މަގާމު ދަށް ކުރިއިރު، ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ނާދިރާ އާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ޒަހާ ވަހީދު ވެސް ވަނީ މަގާމު ދަށްކޮށްފަ އެވެ. އެ ދެ ބޭފުޅުން މަގާމު ދައްކޮށްފައި ވަނީ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމަށެވެ.