07 Sep 2015, 13:33
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ސެރީނާ ވިލިއަމްސް އާއި އޭނާގެ ދައްތަ ވީނަސް ވިލިއަމްސް ކުރިމަތިލާން ޖެހިއްޖެ އެވެ.
އިއްޔެ ކުޅުން ހަތަރު ވަނަ ބުރުތަކުގެ މެޗުތަކުން ސެރީނާ މޮޅުވީ މެޑިސަން ކީސްއާ ވާދަކޮށް 6–3, 6–3 އިންނެވެ.
ސެރީނާ ކުޅޭ މެޗުތަކުން ތިން މެޗުން މޮޅުވެއްޖެ ނަމަ އޭނާ އަށް ހަތަރު ގްރޭޑް ސްލޭމްގެ ތަށި އުފުއްލާލެވޭނެ އެވެ. އެ ތަށި ސެރީނާ ހޯދައިފި ނަމަ އޭނާ އަކީ، 1988 އަށް ފަހު އެ ތަށި އުފުއްލާލި ފުރަތަމަ ކުޅުންތެރިޔަށް ވެގެން ދާނެ އެވެ.
ވީނަސް ކުއާޓާ އަށް ދަތުރުކުރީ އެސްޓޯނިއާގެ އެނަޓް ކޮންޓަވިއޭގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. އޭނާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 6–2, 6–1 އިންނެވެ.
ޕްރޮފެޝަނަލް ކެރިއަރުގައި ސެރީނާ އާއި ވީނަސް ފުރަތަމަ ބައްދަލުކުރީ 1998 ވަނަ އަހަރުގަ އެވެ. އެގޮތުން ފުރަތަމަ މެޗުން މޮޅުވެފައި ވަނީ ވީނަސް އެވެ. އެއަށް ފަހު މިހާތަނަށް ދެބެން ވަނީ 26 ފަހަރަކު ބައްދަލުކޮށްފަ އެވެ.
އެންމެ ފަހުން ދެބެން ބައްދަލުކޮށްފައި ވަނީ ވިމްބްލެޑަން މުބާރާތުންނެވެ. އެ މެޗުގައި މޮޅުވެފައި ވަނީ ސެރީނާ އެވެ. އެގޮތުން ޔޫއެސް އޯޕަންގައި އެ ދެބެން ހަތަރު ފަހަރަކު ވާދަކޮށްފައިވާ އިރު ދެބެން ވެސް ވަނީ ދެ މެޗަކުން މޮޅުވެފަ އެވެ. ދެބެން ވެސް ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެގޮތުން ވީނަސް މުބާރާތް ކަމިޔާބު ކޮށްފައި ވަނީ 2001 ގަ އެވެ. އަދި ސެރީނާ އެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެންމެ ފަހުންނެވެ.
ފިރިހެންގެ ބައިން ނޮވަކް ޖޮކޮވިޗް ކުއާޓާގެ ޖާގައެއް ހޯދީ ހަތަރު ވަނަ ބުރުގައި ރޮބާޓޯ ބޯޓިސްޓާ އާ ބައްދަލުކޮށް 6–3, 4–6, 6–4, 6–3 އިން މޮޅުވެގެންނެވެ. ކުއާޓާގައި ޖޮކޮވިޗް ވާދަކުރާނީ ފެލީސިއާނޯ ލޮޕޭޒްއާ އެވެ.