07 Sep 2015, 13:31
މާލޭ ހުޅަނގު ފަރާތުގައި ހެދުމަށް ނިންމާފައިވާ އާޓްފިޝަލް ބީޗުގައި ބީޗު ޕެވިލިއޯނަކާއި މޫދު ކުޅިވަރުތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގެ ތެރޭގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އެ މިނިސްޓުރީއަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް އެދޭ ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެ މަސައްކަތަށް އަގު ހުށަހަޅަން ޖެހޭނެ ކަަމަށެވެ.
މާލޭ ހުޅަނގު ފަރާތުގައި އާޓްފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓުރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 41.5 މިލިއަން ރުފިޔާ އަށެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އަލަށް ހަދާ އާޓުފިޝަލް ބީޗުގައި ބީޗު ޕެވިލިއޯނަކާއި މޫދު ކުޅިވަރުތައް ހަދާނީ އެ މިނިސްޓުރީން ދޭ ކޮންސެޕްޓަކަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެ ކޮންސެޕްޓާއި އެއްގޮތަށް އެތަން ހިންގާނީ އެބައެއްގެ އަމިއްލަ ހަރަދުގައި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.