07 Sep 2015, 12:42
ނ. ވެލިދޫގައި ކުއްތާ ބޭނުންކޮށްގެން މިދިޔަ މަހުގެ ފަހުކޮޅު ހިންގި ޚާއްސަ އޮޕަރޭޝަންގައި މަސްތުވާތަކެތަކެއްޗާ އެކު އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، އަހްމަދު ޝިފާން ވިދާޅުވީ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުނުކުރިނަމަވެސް ވެލިދޫން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރު ނުކުރެވުމަކީ އެއީ ނާކާމިޔާބެއް ނޫން ކަމަށާއި އެއީ ކާމިޔާބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ހަމަގައިމުވެސް އެއީކީ އަޅުގަނޑުމެންނަށް ނާކާމިޔާބެއް ނޫން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ ކާމިޔާބެއް،" ޝިފާން ވިދާޅުވިއެވެ.
އެސްއޯ ފުލުހުން ގޮސްގެން ހިންގި ޚާއްސަ އޮޕަރޭޝަންގައި މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެއްޗާއި މަސްތުވާތަކެތި ބަންދުކޮށް ވިއްކުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ފުލުހުން ވެލިދޫގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ވަނީ އެރަށުގެ ފުރާވަރު ކުދިން މަސްތުވާ ތަކެތި ބޭނުންކުރުން އިތުރު ވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަން މުޅި ރަށުން ނައްތާލުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް ވެލިދޫ ކައުންސިލުން ފުލުހުންގެ ކިބައިން އެދިފައިވަނިކޮށެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ވެލިދޫ ކައުންސިލުން އެދުނު ކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.