07 Sep 2015, 12:56
ގަވައިދާ ޚިލާފަށް ޕާކުކޮށްގެން ޖަހާ ސްޓިކާގެ ކަންތައްތައް ބެލެހެއްޓުން އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
'ސަން'އާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތް އެކި މިނިސްޓްރީތަކަށް ބަހާލި އިރު ޓްރާންސްޕޯޓް އޮތީރިޓީގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވާތީ ކަމަށެވެ.
"އެ ބަދަލު ގެނެސްފި ކުރީގެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރުމާ އެކު،" އަބްދުއް ރަޝީދު ނާފިޒް ވިދާޅުވި އެވެ.
ޓްރެފިކްގެ ކުށްތަކުގައި ކުރިން ކޮށްފައިވާ ޖޫރިމަނާތައް ރައްޔިތުންގެ މަޖިލީހުން ވަނީ، އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން މާފުކޮށްފަ އެވެ. ނަމަވެސް އެ ގާނޫނު ތަސްދީގު ކުރުމަށް ފަހު އަލުން ޖަހާ ސްޓިކާގެ ޖޫރިމަނާ ދައްކަން ލާޒިމެވެ.
އެ އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ޓްރެފިކު ކުށްތަކުގައި ކޮށްފައިވާ ޖޫރިމަނާ މައާފުވެގެން ދިޔަ އެވެ.
އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.
އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޓްރެފިކު ކުށްތަކަށް ކޮށްފައިވާ ޖޫރިމަނާ ފައިސާ އެ ބިލު ތަސްދީގުކުރުމާއެކު މައާފުވެގެން ދިޔަ ނަމަވެސް ހަމަ އެ ދުވަހުން ފެށިގެން ޓުރެފިކު ކުށްތަކަށް ކުރަން ޖެހޭ ޖޫރިމަނާ އަލުން ވަނީ ކުރަން ފަށާފަ އެވެ.