17 Mar 2011, 09:13
ޖަޕާނަށް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އުފެދުނު ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓް [އެމްއާރުސީ] އިން ފަންޑެއް ހުޅުވާ ގޮތަށް ނިންމައިފި އެވެ.
އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ރަޝީދާ އަލީ އިއްޔެ ވިދާޅުވީ ޖަޕާނުގެ ރެޑް ކްރޮސް މެދުވެރިކޮށް ޖަޕާނު ރައްޔިތުންނަށް އެހީވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް [ބީއެމްއެލް]ގައި ހުންނަ ޖަޕާނުގެ އެހީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި ނަގުދު ފައިސާ އިން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގެ އެކި ތަންތަނުގައި ފަންޑް ފޮށިތަކެއް ބަހައްޓާނެ ކަމަށް ވެސް ރަޝީދާ ވިދާޅުވި އެވެ.
"ޖަޕާނަކީ އަބަދުވެސް އަޅުގަނޑުމެންނަށް އެންމެ އަވަހަށް އެންމެ ބޮޑަތި އެހީތައް ވާ އެއް ގައުމު. ސުނާމީގެ ހާދިސާގައި ވެސް އެންމެ ބޮޑަށް އެހީވީ ވެސް ޖަޕާން. އެހެން ވީމާ އަޅުގަނޑުމެން މި އިސްނެގީ ޖަޕާނަށް އެހީވުމުގައި،" ރަޝީދާ ވިދާޅުވި އެވެ.
އެމްއާރްސީން ބުނީ ރުފިޔާ އިންނާއި ޗެކުންނާއި ނަގުދު ފައިސާ އިން ވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް، ހާއްސަކޮށް ބީއެމްއެލްގެ 7701176022004 އެކައުންޓް މެދުވެރިކޮށް އެ ހީތެރިވެވޭނެ ކަމަށެވެ. އަދި ޑޮލަރުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަކޮށްފައި ވަނީ 7701176022005 އެކައުންޓް ކަމަށް ވެސް އެމްއާރްސީން ބުންޏެވެ.
ރަޝީދާ ވިދާޅުވީ އެހީގެ އެ ފައިސާ ހަރަދުކުރާނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށާއި އަދި ފައިސާ އަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ހަރަދު ކުރާނީ ޖަޕާނު ސަރުކާރުން އުފައްދާފައިވާ މިނިވަން ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން ދެން އެ ފައިސާ ހަރަދުކުރާނީ ޖަޕާން ސަރުކާރުން އުފައްދާފައި އޮންނަ މިނިވަން ބޯޑަކުންކަން. އެ ބޯޑުގައި ސަރުކާރުގެ ވުޒާރާތަކާއި ޖަމްއިއްޔާތަކާ އަދި މީޑިޔާ ވެސް ހިމެނޭނެ." ރަޝީދާ ވިދާޅުވި އެވެ.